އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދައުވާކުރި ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު 3 މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އެ މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ނާޒިމް ވަނީ އިއުތިރާފުވެފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުލަތުން ނާޒިމްގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުންހިންގުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާތީ އޭނާ ތިން މަހާއި 26 ދުވަހަށް އޭނާ ގޭ ބަންދު ކުރުމަށް ހުކުމްކޮށްފައެވެ.

ނާޒިމް މިއަދު ވަނީ ކުރި ކުށަށް ތައުބާވެ ހިތާމަކުރާ ކަމަށް ބުނެ، ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއްވެސް ނެރެފައެވެ.

އެ މައްސަލައިގައި ހިމެނޭ އަލަމްގިރި ވަނީ ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އެހެންވެ، އޭނާ އަށް އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށް، ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނާޒިމްގެ އިތުރުން، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯތައް ހިމެނެއެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު، އެ މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.