ދެކުނު ކޮރެއާ ދަރިކޮޅަކަށް ނިސްބަތްވާ، ނިއުޒީލަންޑްގެ އަންހެނަކު އޭނާގެ ދެދަރިން މަލާފައި، ސޫޓެކޭހަކަށް ލުމަށް ފަހު، އެ ސޫޓްކޭސް ދޫކޮށްލައި ފިލައިގެން އުޅޭތާ 4 އަހަރު ފަހުން ހައްޔަރު ކޮށްފިއެވެ.

2018 ވަނަ އަހަރު ހިނގި އެ ހާދިސާގައި، އޭނާގެ ދެ ދަރިން މަރާލައި ސޫޓްކޭހަކަށް ލުމަށްފަހު އެ ސޫޓްކޭސް ބަހައްޓާފައި ހުރީ ނިއުޒީލަންޑްގެ އޯކްލޭންޑްގެ ސްޓޯރޭޖެއް (އެއްޗެހި ބައްހައްޓާ ތަނެއް) ގައެވެ.

އެ ކުދިން ފެނުނީ، ބަޔަކު އެ ސޫޓްކޭސް ގަނެ، ބަލާ ހުޅުވިތަނުން މިދިޔަ މަހުއެވެ. އޭރު އެ ސޫޓްކޭސް އެތާ ހުންނަތާ 4 އަހަރު ވެއްޖެ ކަމަށް ހަބަރުތައް ބުނެއެވެ.

މި މައްސަލަ ފެންމަތިވެ ހިންގި ތަހުގީގުން، އެ ފޮށީގައި ތިބީ 7 އަހަރާއި 10 އަހަރަށް ދާ ދެކުދިން ކަމަށާއި އެކުދިންގެ މަންމަ، ނިއުޒީލަންޑް ދޫކޮށް ކޮރެއާއަށް ގޮސްފައި ވާކަން ވަނީ ހޯދާފައެވެ. އެއާއެކު، ކޮރެއާގެ ފުލުހުންނާއި އިންޓަޕޯލްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ހޯދާ ހައްޔަރު ކުރީ ކޮރެއާއިންނެވެ.

2 ކުދިން މަރާލި ކަމުގެ ތުހުމަތުވާ އަންހެން މީހާ ހައްޔަރުކޮށްގެން ގެންދާއިރު، މަތީ ކަނުގައި އޯކްލޭންޑް ގެ ބަލައިފާސްކުރަނީ، އަދި އޭގެ ތިރީގައި ސުޓްކޭސް ފެނުނު ސްޓޯރޭޖް ބަލައި ފާސްކުރަނީ

މި މައްސަލަިގައި ސައުތްކޮރެއާގެ ފުލުހުން ބުނީ، އަންހެން މީހާ އެގައުމަށް އެތެރެވެފައި ވަނީ 2018 ވަނަ އަހަރު އެކުދިންގެ މަރަށް ފަހު ކަމަށް ބެލެވޭ ކަމަށާއި އެއީ އުމުރުން 42 އަހަރުގެ މީހެއް ކަމަށެވެ.

މިހާރު މި އަންހެން މީހާ ނިއުޒީލަންޑަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ދާއިރު، ނިއުޒީލަންޑް ފުލުހުން ވަނީ، އޭނާއަށް ބެއިލް ނުދިނުމަށް ކޮރެއާގެ ކިބައިން އެދެފައެވެ. އަދި އޭނާ ނިއުޒީލަންޑަށް ގެނެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާނެ ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ނިއުޒީލަންޑްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ އަންހެންމީހާ އާއި އޭނާދެ ދެކުދިން އޯކްލޭންޑްގައި ދިރިއުޅޭތަ އަހަރުތަކެއް ވަނީ ވެފައެވެ. އެ ދެކުދިންގެ ބައްޕަ، އެކުދިންނަށް ވުރެ ކުރިން ކެންސަރުގައި މަރުވެފައި ވާކަމަށާއި، އެކުދިންގެ ކާފައާއި މާމަ ވެސް ދިރިއުޅެނީ ނިއުޒީލަންޑްގައެވެ. ނަމަވެސް އެ މީހުންނާ، އެ އަންހެން މީހާއާ ގުޅުމެއް ނޯންނަ ކަމަށާއި އެމީހުން ތިބީ ޝޮކެއްގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.