ކުރި ކުށަށް ތައުބާވެ ހިތާމަކުރާ ކަމަށް ބުނެ، ރައްޔިތުންގެ ކިބައިން މައާފަށް އެދި ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ބަޔާނެއް ނެރެފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް، ބަޔާނެއް ނެރެފައި ވަނީ އެ މައްސަލައިގައި މިއަދު ހަވީރު އޭނާގެ މައްޗަށް ހުކުމްކުރުމަށް ތާވަލުކޮށްފައި ވަނިކޮށެވެ.

ނާޒިމް މިއަދު ނެރުނު ބަޔާނުގައި ވާ ގޮތުން، އޭނާ ކުށަށް އިއުތިރާފު ވަނީ، އެ މައްސަލައިގައި އޭނާ އަކީ ކުށްވެރިއަކަށް ވުމުގެ އިތުރުން، އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅެ، ވިކްޓިމަކަށް ވެފައި ވާތީއެވެ.

"އަދި އަޅުގަނޑު ރާއްޖޭން ބޭރަށް ފިލައިގެން ނުގޮސް، ރާއްޖޭގައި ހުރެ، އަޅުގަނޑު އިއުތިރާފުވެ، މި ކުށުގެ އަދަބަށް ކުރިމަތިލާން ބޭނުންވާތީ." ނާޒިމްގެ ބަޔާނުގައި ބުންޏެވެ.

މިއަދު ހަވީރު 4:30 ގައި ނާޒިމަށް ހުކުމްކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

އެ މައްސަލައިގައި ހިމެނޭ އަލަމްގިރި ވަނީ ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދިފައެވެ. އެހެންވެ، އޭނާ އަށް އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށް، ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނާޒިމްގެ އިތުރުން، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯތައް ހިމެނެއެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު، އެ މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށް، ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.