އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު، އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ކުރީގެ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ ދިފާއީ ހެކިންގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުކުރެވޭނެ ކަމަށް ޝަރީއަތުން ނިންމައިފިއެވެ.

ނިހާނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައިގައި ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެއް ކުރިއެވެ. އެ ހަ ދައުވާގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދަވާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު އެބައޮތެވެ.

އެ މައްސަލާގައި އޭނާގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ ގޮތުގައި ޕީޖީ ޝަމީމާއި މަހުލޫފު އަދި އަލީ ވަހީދުގެ ނަންފުޅު ހުށަހަޅުއްވާފައިވެއެވެ. އެ މައްސަލާގައި ޕީޖީ ޝަމީމްގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ނިހާންގެ ފަރާތުން ހުށަހެޅުއްވީ އަދީބުގެ ވަކީލަކަށް ޝަމީމް އުޅުއްވިއިރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން ދައުލަތުންވަނީ ޝަރީައތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅާފައެވެ. ނަމަވެސް މިއަދު އޮތް ކުރިމިނަލް ކޯޓުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.

މަހްލޫފްގެ ނަން ނިހާންގެ ފަރާތުން ހުށަހެޅީ މަޖިލިސް މެންބަރަކަށް ނިހާން ހުންނެވިއިރު ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގައި ނިންމުންތައް ނިންމުމުގައި އަމަލުކުރި ގޮތް ސާބިތުކޮށް ދިނުމަށެވެ.

މީގެ އިތުރުން އަލީ ވަހީދުގެ ނަން ހުށަހެޅީ އަދީބުގެ ފޯނުގެ މޮބައިލް ފޮރެންސިކް ރިޕޯޓުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަން ސާބިތުކުރުމަށެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ދައުވާއާ ނުގުޅޭ ހެކިން ކަމަށް ބުނެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅިއެވެ. އެކަމަކު ގާޒީ ނިންމެވީ އެ ދެ ބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށެވެ.

މާލިއްޔަތު ކޮމިޓީގައި މަސައްކަތް ހިނގި ގޮތް ސާބިތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއި، ނައިބުރައީސް ފައިސަލް ނަސީމް ދިފާއީ ހެކިންގެ ގޮތުގައި ނިހާނު ހުށަހެޅުއްވި ނަމަވެސް އެ ނަންތައް ބަލައިނުގަތުމަށް ގާޒީ ނިންމަވާފައިވެއެވެ.

ނިހާންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށާއި އޭނާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން ހޯދުމަށާއި އޭނާގެ މޮބައިލް ފޮރެންސިކް ރިޕޯޓް ބަލައިނުގަތުމަށާއި ނިހާންގެ ބޭންކް ސްޓޭޓްމަންޓްތައް ހެކީގެ ގޮތުގައި ބަލައިނުގަތުމުގެ އިތުރުން އިޖްރައާތު ފުރިހަމަނުކޮށް ދައުވާ ކުރުމާއި ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް އެ ހުށަހެޅުންތައް އޭނާއަށް ކާމިޔާބުނުކުރެއްވުނެވެ.