ހެއްކާބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެ ގާނޫނު އަލުން އިސްލާހު ކުރުމަށް ނިންމަވާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށް ބޭއްވި ފުރަތަމަ "މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022" ހަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ {ށ} އަށް، ގެނައި އިސްލާހާމެދު މީޑިއާގެ ކަންބޮޑުވުމެއް އޮތްކަން ފާހަގަ ކުރެއްވޭ ކަމަށާއި އެކަމާ ގުޅޭގޮތުން އެމަނިކުފާނު ނުސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވާ ކަމަށެވެ. އަދި ނޫސްވެރިކަމަށް ގާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ގާނޫނު މި ސަރުކާރުން އުވާލައި ނޫސްވެރިންނަށް ހައްލު ހޯއްދަވައި ދެއްވިކަން ފާހަގަކުރެއްވިއެވެ.

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަވާނެކަން ރައީސް ހާމަ ކުރެއްވި އިރު، އެމަސައްކަތް މަޖިލީހާ ހަމައަށް ދާނެ ދުވަހެއް ހާމައެއް ނުކުރައްވައެވެ.

ރައީސް ގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބްރޯޑްކާސްޓިންގެ މަސައްކަތްތައް ފެށިގެން އައި ގޮތުގެ މައްޗަށާއި ޓީވީއާ ރޭޑިޔޯއިން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިން ރަނގަޅު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާ މިރޭ ވާހަކަފުޅު ދައްކަވާފައެވެ. މިރޭގެ ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯރޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ކަމުގައިވާ ސަމަރު-ބުލޫ އިބްރާހީމް މަނިކް އަދި އަލް މަރްޙޫމާ ޒާހިދާ އިބްރާޙިމުގެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން އާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ބްރޯޑްކާސްޓް ދާއިރާ ހިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ނޫސްވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް އަމާނާތްތެރި ކަމާއެކު ފޯރުކޮށްދޭން ޖެހޭކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތްނަމަވެސް ނޫސްވެރިން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަޑުގެ ތެރޭގައި ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމުގައި ކުރިޔަށް ދިއުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސް ގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫސްވެރިންނަށް ބޭނުންވާ ހުނަރާ، ގާބިލްކަމާ، ތަމްރީނު، ލިއްބައިދިނުމަށް ކުރިޔަށް ވުރެ ބޮޑަށް، މިހާރު މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަކުރައްވައި އެކަމުގައި ސަރުކާރާ އަދި ވަކިން ހާއްސަކޮށް ބްރޯޑްކާސްޓިން ކޮމިޝަނާ، މީޑިއާ ކައުންސިލްގެ ދައުރުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.

މި ރޭގެ ހަފްލާގައި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯރޑް 2022ގެ ޖޫރީގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.