ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފު ވެފައިވާ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރަށް ހުކުމް ކުރަން މާދަމާ ތާވަލް ކޮށްފިއެވެ.

"ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ހަވީރު 4:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވާ ކަމަށެވެ.

މިމަހު 11 ވަނަ ދުވަހު ނާޒިމް ސައްތާރު ވަނީ އަލަމްގިރްއާއެކު އެއްޖިންސިން ގުޅުން ހިންގި ކަމަށް އިއުތިރާފުވެ ވަޑައިގެންފައެވެ. ނަމަވެސް އޭނާ ވަނީ ލިވާތު ކުރެއްވި ކަމަށް އިންކާރު ކުރައްވާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ދައުވާގައި ލިވާތުގެ ވާހަކަ ނެތް ކަމަށެވެ. އަދި ނޫސްތަކުގައި އޭނާ ލިވާތު ކުރެއްވި ކަމަށް ލިޔާނަމަ ދައުވާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެއެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި, ނާޒިމް ހައްޔަރު ކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހު 12 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އަލަމްގިރި ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދުމުން އޭނާއަށް އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށްފައެވެ. އަލަމްގިރި އަށް ހުކުމް ކުރީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ. އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމުން ތިން މީހުން ވެސް ދޫކޮށްލިއެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.