އެފްއޭއެމް ހިންގަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި ފިޔަވަޅު ނާޅާތީ އެފްއޭއެމްގެ ކުރީގެ ރައީސް އަދި ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޓެގްކުރައްވާ އާޒިމް ވިދާޅުވީ ދިވެހިން އެންމެ ލޯބިވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގެ ފޭރާން ވީދި ހަލާކުވެ އަދި ކުދިކުދިވެގެން ދާއިރުވެސް ބަލަހައްޓައިގެން ތިބެނީ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކާ ދިމާ އިދިކޮޅަށް އެމްއޭއެމް ހިންގާއިރުވެސް ފިޔަވަޅު ނާޅާ ތިއްބަވަނީ ކީއްވެތޯވެސް އާޒިމް ވަނީ ސުވާލު އުފައްދާފައެވެ.
އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާ ރާއްޖޭގެ ކޯޗު ކަމުގައި ހޭދަ ކުރި މުއްދަތުގައި ދޭން ޖެހޭ މުސާރަ ދީފައި ނުވާތީ އޭނާއަށް ހަ ލައްކައެއް ހާ ރުފިޔާ ދޭން ފީފާގެ ފުޓްބޯލް ޓްރައިބިއުނަލުން އެފްއޭއެމަށް އަންގައިފާ ވަނިކޮށެވެ.
މިއަހަރު ޖެނުއަރީން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑޭވޯ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އަންގާފައި ވާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާއަށް މުސާރަ ދީފައި ނުވާތީ އޭނާވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށް އެ މަގާމުން ވަކިވެފައެވެ.
ސީނިއާ ގައުމީ ފިރިހެން ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ކުރީގެ ދެ ކޯޗުންނަށް ވެސް ބަދަލުގެ ގޮތުގައި ގިނަ ފައިސާތަކެއް ދިނުމަށް އެފްއޭއެމަށް ފީފާގެ ފުޓްބޯލް ޓަރައިބިއުނަލުން މީގެ ކުރިން އަންގާފައު ވެއެވެ.
އެގޮތުން ކުރީގެ އެސިސްޓެންޓް ކޯޗު އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ރޭނޭ ހިޑިންކް އާއެކު އެފްއޭއެމުން ހެދި އެއްބަސްވުމާ ހިލާފަށް އޭނާ މަގާމުން ވަކި ކުރުމުން ފީފާގެ ޓްރައިބިއުނަލް އިން ވަނީ ބަދަލުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދޭން އަންގާފައެވެ. އަދި ކުރީގެ ހެޑް ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ވެސް އުސޫލާ ހިލާފަށް ބާތިލުކޮށްފައި ވުމުން އޭނާ އަށް ވެސް ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 2.8 މިލިއަން ރުފިޔާ ދޭން ފީފާއިން ވަނީ އަންގާފައެވެ.
ރައްޖޭގެ ކުޅިވަރު ކުރިނާރާ މައްސަލައިގައި، އެފްއޭއެމްގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް އޯވާހޯލް ކުރަން ޖެހޭ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.