ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް ގަޑިއަށް ވަޑައިނުގެންނެވުމުން އޭނާ އަނބުރާ ފޮނުވާލައިފިއެވެ.

އެ ކޮމިޓީގައި މިއަދު ތާވަލްކޮށްފައިވާ ޓްރާންސްޕޯޓު މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީގެ އަހަރީ ރިޕޯޓު ހުށަހެޅުމާއި އެ ރިޕޯޓު ދިރާސާކުރުމެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މިއަދު އެ މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުންނަށް ދަންނަވާފައިވާ ކަމަށެވެ. އަދި މިނިސްޓަރު ވަޑައިނުގެންނެވީ ކަމަށް ބަލާފައި ކެންސަލް ކޮށްލުމަށްފަހު ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް އެ ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުވާން ދަންނަވާފައި ވަނީ، ކޮމިޓީގެ އިއްޒަތްތެރި މެންބަރުން ވިދާޅުވީ މިނިސްޓަރު ވަޑައިނުގެންނެވީ ކަމަށް ބަލާފައި ކެންސަލް ކޮށްލަން، ދެން އަންނަ ދުވަހަކަށް އަމުރު ނެރެގެން ވިޔަސް ހާޒިރުކުރުމަށް،"
އަހުމަދު އަބްދުﷲ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޓީން އަންގާފައިވާނީ މިނިސްޓަރު ހާޒިރުވުމަށް ނަމަވެސް މީގެ ކުރިން ދެ ދުވަހެއްގެ މަތިން ވެސް ފޮނުވާފައިވަނީ މިނިސްޓްރީގެ އެހެން ބޭފުޅުންނެވެ.