މީގެ 10 އަހަރު ކުރިން ދ. ކުޑަހުވަދޫގައި މަރާލި އަލީ ހަސަން (އައްޔުބެ) ގެ މަރުގައި ބައިވެރިވިކަން ސާބިތުވި ކުއްޖާ އަށް ކުރި ޖަލު ހުކުމަށް ވުރެ ގިނަ ދުވަހު ބަންދުގައި ހޭދަކޮށްފައި ވާތީ މިނިވަން ވެއްޖެއެވެ.

2012 ޖެނުއަރީ ގައި އަލީ ހަސަނަށް ތޫނު އެއްޗެހިން ހަމަލަދީ މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި ތިން ކުދިންގެ ތެރެއިން ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވިއެވެ. ނަމަވެސް އަލީ ހަސަންގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރުމުން، އެ ކުއްޖާ ބޮޑުވަންދެން، ކުށް ސާބިތުވި ދެ ކުދިންނަށް އަދަބު ކަނޑައެޅުން ފަސްކޮށް، ވަނީ ޖަލަށް ލައިފައެވެ.

އޭގެ ތެރެއިން އެކަކުގެ މައްސަލައިގައި މިދިޔަ އަހަރު ހައިކޯޓުން ނިންމާފައި ވަނީ އަލީ ހަސަން މަރާލުމުގައި ބައިވެރިވިކަން ސާބިތުވި ނަމަވެސް، އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ބަލާއިރު، އެ ކުއްޖާ އަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެ ހުކުމަށް ރިއާޔަތްކޮށް، މިދިޔަ މަހުގެ ފަހުކޮޅު ޖުވެނައިލް ކޯޓުން ނިންމީ ގާނޫނީ އަދަބެއްގެ ގޮތުން އެ ކުއްޖާ ހަތަރު އަހަރާއި ތިން މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

ނަމަވެސް، ނުވަ އަހަރާއި 11 މަސް ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައި ވާތީ، ކޯޓުން ނިންމީ އޭނާ ތަންފީޒުކުރަން ޖެހޭ އިތުރު އަދަބެއް ނެތް ކަމަށެވެ. އެގޮތަށް ޖުވެނައިލް ކޯޓުން ނިންމުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުއްޖާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

އެހެންވެ، އޭނާ ތަންފީޒުކުރަން ޖެހޭ އެއްވެސް އަދަބެއް މިހާރު ނެތެވެ.