އެކައުންޓްތަކުގައި މިލިއަނުން ފައިސާ ހުރި ނަމަވެސް، ބައެއް ކައުންސިލްތަކުން ކަރަންޓު ބިލް ނުދައްކާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ނިންމާލި "ވިއަވަތި" ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ އެ ތަންތަނަށް ދިމާވާ ބައެއް ދަތިތައް ހިއްސާކޮށްފައެވެ. އެ ދަތިތަކުގެ ތެރޭގައި މަހުން މަހަށް ކުރަން ޖެހޭ ހަރަދުތަކާއި ކަރަންޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުން ހިމެނެއެވެ. ބައެއް ކައުންސިލަރުން ފާހަގަކުރި ގޮތުގައި އެކަމުގެ ސަބަބުން ކައުންސިލްތަކުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު މަސައްކަތް ކުރަން ދައްޗެވެ.
އެހެންވެ، ރަށްރަށުގައި ފެނަކަ އިންޖީނުގެ ހިންގަން ރަށުން ބޮޑު ބިމެއް ހިލޭ ދިނުމަކީ އިންސާފެއް ނޫން ކަމަށާއި، އެ ތަންތަނުން ކުލި ނަގަން ވެސް ބައެއް ކައުންސިލަރުން އެދުނެވެ.
ނަމަވެސް، މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި މިލިއަނުން ފައިސާ ހުންނަކަން މިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމަކު ވެސް ކައުންސިލްތަކުން ބިލު ނުދައްކާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން އެ މައްސަލައިގައި މިނިސްޓްރީ އާ އެކު އެއްވެސް މަޝްވަރާ އެއް ކޮށްފައި ނުވާ ކަމަށެވެ.
"އެކަމަކު ކޮންމެ ވެސް ވަރެއްގެ ޒިންމާއެއް، [ބިލު] އެއްކޮށް އެހެން ނުދެއްކުނު ކަމުގައި ވިއަސް އަޅުގަނޑުމެންނާ ވާހަކަދައްކައިގެން އެ ދެއްކޭނެ ގޮތަށް ކިހިނެއްތޯ ހަދާނީ. 2018 އަދި 2019 އެއް ނޫން. އޭގެ ކުރީގެ ބިލުތަކާ، ހާއްސަކޮށް 2020 ވަނަ އަހަރު އަޅުގަނޑުމެންނަށް އައި ދަތިތަކާ އެކު ބްލޮކް ގްރާންޓު ވަރަށް ދަށްވެގެން ދިޔައީމާ ތި ބޭފުޅުންނަށް ދަތިވާނެ ކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. އެއްވެސް ވަރަކަށް އެންގޭޖްމަންޓް ނެތިއްޔޭ އެކަމަކު،" އަމީރު ވިދާޅުވިއެވެ.
ކުދި ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ކަރަންޓު ބިލުތަކަށް ވެސް އަހަރަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ނަމަވެސް، ބައެއް ކައުންސިލްތަކުން މަހެއްވާއިރު ބިލު ނުދެއްކުމުގެ ސަބަބުން، ފެނަކަ އިން ރަތް ނޯޓިސް ފޮނުވުމަށް ފަހު ކަރަންޓު ކަނޑާލައެވެ. އެއަށް ފަހު ކަރަންޓު ބިލު ދެއްކުމަށް ހަނދާންކޮށްދީ ކައުންސިލްތަކަށް ސިޓީ ފޮނުވަނީ ފިނޭންސް މިނިސްޓްރީންނެވެ.
އަމީރު ވިދާޅުވި ގޮތުގައި، މި މައްސަލައިގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ފިނޭންސް މިނިސްޓްރީން އޮތީ ތައްޔާރަށެވެ.
ފެނަކަ އިންޖީނުގެ އަޅަން ދިން ބިންތަކުން ކުލި ނަގަން ކައުންސިލަރުން ހުށަހެޅުމުން، އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ކައުންސިލަރުންގެ އަރިހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވެއެވެ.