ސޯޝަލް މީޑިއާގައި އަމިއްލަ ބަރަހަނާ ފޮޓޯ އާންމުކުރަމުން އަންނަ މީހާ ހައްޔަރުކޮށް ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 37 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު މިއީ އެ މީހާ ހައްޔަރުކުރި ތިންވަނަ ފަހަރެވެ.

އެގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވާ އިރު މިމަހު 2 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

މީގެ ކުރިން އެ މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެފަހަރު ވެސް އެ އަަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ބަރަހަނާ ފޮޓޯ އާއްމު ކުރަމުން ދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ފުލުހުންނާއި އަދި ސަރުކާރަށް އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.