ރޮމްބަސް ފިހާރައިން 12 ރިހި އަނގޮޓިއާއި 5000 ރުފިޔާ ނެގި މީހަކު 8 މަހަށް ޖަލަށްލާ، 42000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އޭޕްރީލް 7، 2018 ގެ މެންދަމު 2 އާއި 3:05 އާ ދެމެދު ވަގުތެއްގައި ޗާންދަނީމަގުގައި ހުންނަ ރޮމްބަސް ފިހާރައިން 12 ރިހި އަނގޮޓި އާއި 5،000 ރުފިޔާ ވަގަށް ނެގި މައްސަލާގައި ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައިވަނީ ތ.ތިމަރަފުށި، ކަށިކެޔޮމާގެ، ރިޝާމު ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެފައިވަނީ ފުލުހުންނަށް ރިޝާމް ދީފައިވާ ތަހުގީގު ބަޔާނާއި ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި އޭނާ ދީފައިވާ އިއުތިރާފް ބަޔާނެވެ.

އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ އެ ދައުވާ ރިޝާމްގެ މައްޗަށް ސާބިތުވާ ކަމަށާއި އެގޮތުން އޭނާ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ. އެހެންނަމަވެސް ރިޝާމްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުގެ ތެރެއިން ހަތް މަސް ދުވަހުގެ ޖަލު އަދަބު 42،000 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކޮށް އެ ފައިސާ އިއްޔެ އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެންކަމުން ރިޝާމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 8 މަހާއި 26 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.