ލޭންޑް ޔޫސް ޕލްޭންތައް ހެދުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަ ވާ ނަމަ އެ މައްސލަތައް ހައްލުކޮށް ދެއްވާނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، 3 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމނަިކުފާނު ވިދާޅުވީ، ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަވާ ނަމަ، އެ މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫޒް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ ކަމަށެވެ. މައްސަލަތައް ހައްލު ކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒު އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށުކަ ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް ތަންފީޒުކުރުމަށް ހުރަސްތަކެއް ދިމާވަމުންދާ ކަމަށް މީގެ ކުރިން ވެސް ބައެއް ކައުންސިލްތަކުން ވަނީ ބުނެފައެވެ. ހާއްސަކޮށް މާލީ ގޮތުން ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި، އަދި ސަރުކާރުގެ އެހެން އިދާރާތަކާ އެކު މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ މީގެ ކުރިން ވަނީ ބައެއް ކައުންސިލްތަކުން ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.

މީގެ އިތުރުން ވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައި ނެތް ކަން ފާހަގަ ކޮސް މިހާރު ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ކަންކަމުގެ މައުލޫމާތު ކައުންސިލްތަކާ ހިއްސާ ނުކުރާ މައްސަލައަކީ ވެސް ބައެއް ކައުންސިލްތަކުން ފާހަގަ ކުރާ މައްސަލަތަކެވެ.