ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އިއުތިރާފު ވެެވަޑައިގެންފިއެވެ.

ނާޒިމް ވިދާޅުވީ، އެއްޖިންސިން ގުޅުން ހިންގި ކަމަށް އިއުތިރާފުވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް ލިވާތު ކުރެއްވި ކަމަށް އިންކާރު ކުރައްވާ ކަމަށެވެ.

ލިވާތު ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަނީ ފިރިހެނެއްގެ ޒަކަރު އެހެން ފިރިހެނެއްގެ ފުރަގަސްފަރާތަށް ވެއްދުމުގެ މާނާގައެވެ.

ދައުވާއަށް އިއުތިރާފުވީ، ލިވާތުކުރުމަކަށް ނޫން. ނޫހެއްގައި ލިވާތޭ އޮވެއްޖެ ނަމަ ދައުވާ ކުރާނަން
ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު

ނާޒިމް އިތުރަށް ވިދާޅުވީ، ދައުވާ ލިވާތުގެ ވާހަކަ ނެތް ކަމަށެވެ. އަދި ނޫސްތަކުގައި އޭނާ ލިވާތު ކުރެއްވި ކަމަށް ލިޔާނަމަ ދައުވާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެއެވެ.

އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި, ނާޒިމް ހައްޔަރު ކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހު 12 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އަލަމްގިރި ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދުމުން އޭނާއަށް އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށްފައެވެ. އަލަމްގިރި އަށް ހުކުމް ކުރީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ. އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމުން ތިން މީހުން ވެސް ދޫކޮށްލިއެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.