ރާއްޖެ ތަރައްގީ ވާނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ވެސް އެއްވަރަކަށް ތަރައްގީވުމުން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ތިންވަނަ ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްގީކޮށް، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ރައީސް އެންމެ އިސްކަން ދެއްވާ ސިޔާސަތު ކަމަށެވެ.

''މި ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ދެން ކުރަން އޮތް އެންމެ މުހިންމުކަމަކީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ފަދައިން ފުރިހަމަ ގޮތެއްގައި މި ހުރިހާ ފަރާތްތަކެއް (ކައުންސިލްތަކުގެ ރައީސުން، ސިޓީތަކުގެ މޭޔަރުން، ވަޒީރުން) ހިމެނޭ ފުޅާ ދާއިރާގެ މަޝްވަރާ އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން.'' އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި ގައުމު މުއްސަނދި ވާނީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ އަތްމަތި ތަނަވަސްވީމައެވެ. އަދި އެ ގައުމަކަށް އުފާވެރިކަން ލިބިގެން ދާނީ ގައުމުގައި ހިމެނޭ ފަގީރުންނަށް ވެސް އުފާވެރިކަން ލިބުމުން ކަމަށް ފާހަގަކުރެއްވިއެވެ.

"ގައުމެއް ތަނަވަސްވި ކަމަށް ވާނީ އެ ގައުމެއްގެ ހުރިހާ ރައްޔިތުން ތަނަވަސްވީމަ. ގައުމަކަށް އުފާވެރިކަން ލިބިގެން ދާނީ އެ ގައުމެއްގަ ހިމެނޭ އެންމެ ނިކަމެތި އެންމެ ފަގީރު މީހާ ވެސް އުފާވީމަ. ދިވެހިރާއްޖެ ތަރައްގީ ވާނީ އަޅުގަނޑުމެން ދިރިއުޅޭ ހުރިހާ ޖަޒީރާތައް (ރަށްތަކެއް) އެއްވަރަކަށް ތަރައްގީ ވީމަ."
އިމްރާން އަބްދުالله | ހޯމް މިނިސްޓަރު

ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އޮތުމުން ކަމަށް ވިދާޅުވެ، އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަޝްވަރާ ކުރުން ކަމަށެވެ. ކީރިތި ޤުރުއާނުން މިސާލު ނަންގަވައި އިމްރާން ވިދާޅުވި ގޮތުގައި، ހެޔޮ ވެރިކަމެއްގައި ހުންނަން ޖެހޭ އެންމެ މަތިވެރި ސިފައަކީ ފުރިހަމަ ސިފައިގައި އެންމެން މަޝްވަރާކޮށްގެން ގޮތް ނިންމުމެވެ.

ހަމަ އެއާއެކު، މިއަދުގެ ވެރިކަމަކީ އޯގާތެރި، ރައްޔިތުންނާ ގާތްކަން ބަހައްޓާ ވެރިކަމެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ރައްޔިތުންނާ މެދު އޮންނަން ޖެހޭ އޯގާވެރިކަން، ރައްޔިތުންނާ މެދު އޮންނަން ޖެހޭ ގާތްކަން، އާދެ މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން (ކައުންސިލްތަކުގެ ރައީސުން، ސިޓީތަކުގެ މޭޔަރުން، ވަޒީރުން) މިތަނަށް އެއްވެ މި ތިބީ." އިމްރާން ވިދާޅުވިއެވެ.

ދެކުނުގެ ރަށްތަކަށް ހާއްސަކޮށް ލ. ގަމުގައި ފެށި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ، މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލަކާއި އައްޑޫގެ މޭޔަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަަމަށް ރައީސް ރައީސް އޮފީހުން ބުންޏެވެ.