ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމުގައި ކައުންސިލްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ވިއަވަތި" ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން އަންނަ ހަފްތާގައި ބާއްވަން ނިންމައިފިއެވެ.

އަންނަ ހަފްތާގައި ބާއްވާ ވިއަވަތި ކޮންފަރެންސް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ދެކުނުގެ ކައުންސިލްތަކަށެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ދާނީ ލ. ގަމުގައި ކަމަށެވެ.

ތިންވަނަ ވިއަވަތި ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ. ގެ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ފުވައްމުލަކާއި އައްޑޫގެ މޭޔަރުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިން ހިމެނޭހެން 250 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ތިން ދުވަހަށް ދެމިގެންދާ އެ ބައްދަލުވުމުގައި މައިގަނޑު ހަތަރު ދާއިރާ އަކަށް މަޝްވަރާ ކުރާން ހަމަޖެހިފައިވާ ކަމަށެވެ. ކަމަށެވެ. އެ ދާއިރާތަކަކީ:

  • ކައުންސިލްތައް މާލީ ގޮތުން ބައިވެރިކުރުވުން
  • ބިނާވެށި ޕްލޭން އެކުލަވާލުން
  • މިންތީގެ ހަމަހަމަކަން
  • ވިލުންވެރި މުޖުތަމައެއް ބިނާކުރުން

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތައް ތަސްދީގުކުރުމަށް ވިއަވަތި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ ޑިސެމްބަރު 2019 ގައެވެ. އޭގެ ފަހުން ވިއަވަތި ކޮންފަރެންސްގެ ދެވަނަ ބައްދަލުވުން މެދުރާއްޖެތެރޭގެ ރަށްތަކާއި ސިޓީތަކުގެ ކައުންސިލްތަކަށާއި އަންހެނުންގެ ކޮމިޓީތަކަށް އަމާޒުކޮށް ބޭއްވީ މިދިޔަ މޭ މަހު، އއ. އުކުޅަހުގައެވެ.