މަސްތުވާ ތަކެއްޗާއި ގޭންގް ކުށްތަކުގެ ފަހަތުގައި ވަނީ ސިޔާސީ ނިޔަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ކަމެއްވެސް ނިސްބަތް ވަނީ ދޭދޭ ފަރުދީ ނުވަތަ އާއިލީ ނޫނީ އިޖްތިމާއީ އަދި ގައުމީ ވެށީގެ ތެރޭގައި ކަމަށެވެ.

މީގެ ތެރެއިން އެންމެ ފުޅާ ވެއްޓަކީ ގައުމީ ވެށި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ މައްސަލަތަކަށް ބަލާއިރު ރާއްޖޭގައި ވަރަށް ބޮޑު ގައުމީ ދެ މައްސަލަ އެބައޮތް ކަމަށެވެ.

އަދި އެއީ އެންމެ އިސްކަމެއް ދީގެން ހައްލު ކުރަން ޖެހިފައިވާ މައްސަލަތަށް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލަ އަކީ އެއް ގަހެއްގެ ދެ ގޮފި ކަމަށެވެ. އެއީ މަސްތުވާ ތަކެއްޗާއި ގޭންގް ކުށްތަށް ކަން ރައީސް ފަާހަގަ ކުރެއްވިއެވެ.

މިކަމުގެ އެންމެ ފުނުގައިވަނީ އިންތިޒާމް ވެ ރޭވިގެން ހިންގާ ކަންކަން ކަމަށާއި އޭގެ ފަހަތުގައި ސިޔާސީ ނިޔަތާ، މާލީ ނަފާގެ ސަބަބުތައް ޝާމިލްވާ ކަމަށް ރައީސް ވިދާޅިވިއެވެ.

މިއީ ގޮންޖެހުން ބޮޑު ހުރަސްތައް ގިނަ ބުރަ މަސައްކަތެއް. މިކޮންފަރެންސްގައި މިކަމާ ގުޅޭގޮތުން، ކުރެވޭ މަޝްވަރާތައް ފުޅާކުރުން މުހިންމު. އެއީ ، މީގެ ހައްލު ހޯދުމުގެ މަގު ކުރުވެ ، ނަތީޖާ އަވަސްވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެން އޮތް ބޮޑު އަނެއް މައްސަލައަކީ މޫސުމީ ބަދަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށް ގިރުމާ، ފެންބޮޑުވުމާ، އުދައެރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުމާއި ކުރާ ނޭދެވޭ އަސަރަކީ، ހިންގޭ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ ބޭނުމުގައި ކުރާ ކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށެވެ.

ރައީސް ވަނީ މިކަމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ކައުންސިލް ތަކަށް ކަމަށް ވިދާޅުވެފައެވެ.