ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމާއެކު މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ބޭއްވި "ވިއަވަތި ރާއްޖެ" 2 ވަނަ ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިއެއް ނުވިއެވެ.

އއ. އުކުޅަހުގައި މިއަދު އޮތް އެ ކޮންފަރެންސް ހާއްސަކޮށްފައި ވަނީ މެދުރާއްޖެތެރޭގެ ރަށްރަށުގެ ކައުންސިލްތަކަށެވެ.

ވިއަވަތި ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއާކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ކޮންފަރެންސްގައި ބައިވެރިވުމަށް ދިން ދައުވަތު ސިޓީ ކައުންސިލުން ގަބޫލުނުކުރި ކަމަށާއި، އެ ކޮންފަރެންސްގައި ކައުންސިލުން ބައިވެރިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން، މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ، ވިއަވަތި ކޮންފަރެންސަށް ދައުވަތު ދިން ކަމެއް، ނުވަތަ ބައިވެރިވުމުގެ ފުރުސަތު އޮތް ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، އެފަދަ އެއްވެސް ކަމަކާ ގުޅޭ ގޮތުން ކައުންސިލްގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮންފަރެންސްގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ކަމެއް ސިޓީ ކައުންސިލުން އެމްޑީޕީގެ އެއްވެސް ކައުންސިލަރަކަށް ނާންގައެވެ.

""އެއްވެސް ކައުންސިލަރެއް ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ނެތޭ،" ޖަވާބު ދީފައި އޮތީ ކީއްވެތޯ ސާފުކުރުމަށް މޭޔަރު [ޑރ. މުހައްމަދު މުއިއްޒު] އަދި އެސްޖީ [މުޖްތަބާ ޖަލީލު]ގެ އަރިހުން ލިޔުމުން އެދޭނަން." ސައިފް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ކައުންސިލަރުންނަށް އޮތީ އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ކަމަށެވެ.

"ދެން އުކުޅަހަށް ނުދިޔައީ އެ ކީއްވެތޯ ވިދާޅުވަނީ، އުކުޅަހަށް ވަޑައިގެން ބައިވެރިވާން ދައުވަތު އޮތީ ސިޓީ މޭޔަރުންނާއި، އަތޮޅު ރައީސުންނާއި، ރަށު ރައީސުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއިންނަށް." ނަރީޝް ކުރެއްވި ޓްވީޓްގައި ވެއެވެ.

އެއާއެކު، ކައުންސިލްތަކުގެ ކަންކަން ބަލަހައްޓާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވަނީ ކައުންސިލްތަކުގެ ރައީސުންނަށާއި ސިޓީތަކުގެ މޭޔަރުންނަށް ފޮނުއްވި ސިޓީއެއް ޓްވިޓާގައި އާންމު ކުރައްވާފައެވެ. މި މަހުގެ 21 ވަނަ ދުވަހު ފޮނުއްވި ސިޓީގައިވާ ގޮތުން، ރައީސުންނާއި މޭޔަރުން، އަދި އަންހެންގެ ކޮމިޓީތަކުގެ ރައީސާއިންނަށް ބައިވެރިވެ ވަޑައިގެންނެވޭ ނަމަ، 22 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ޖެމްސް މެދުވެރިކޮށް އެލްޖީއޭއަށް އެންގުމަށް ވަނީ އެދިފައެވެ.

"އަދި އެއްވެސް ސަބަބަކާހުރެ އިސްވެ ދެންނެވުނު ފަރާތްތަކަށް ބައިވެރިވެ ވަޑައިނުގެންނެވޭ ނަމަ، ބަދަލުގައި ވަޑައިގަންނަވާނެ ފަރާތުގެ މައުލޫމާތު (ނަން، މަގާމު، ފޯނު ނަންބަރު، އީމެއިލް އެޑްރެސް) ދެންނެވުނު ތާރީހުގެ ކުރިން ޖެމްސް މެދުވެރިކޮށް ފޮނުއްވައިދެއްވުން އެދެމެވެ." އެ ސިޓީގައި ވެއެވެ.

އެ ސިޓީއަށް ޖަވާބު ދެއްވައި، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި، އެ މަހާސިންތާގައި ކައުންސިލްގެ އެއްވެސް ކައުންސިލަރަކު ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނެތެވެ.

މިއަދުގެ މަހާސިންތާ އަށް ދައުވަތުދީ ކައުންސިލްތަކަށް އެލްޖީއޭއިން ސިޓީ ފޮނުވާފައި ވަނިކޮށް، މުއިއްޒު ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފައެވެ.

ވިއަވަތި ކޮންފަރެންސްގައި ބ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ އެކި ރަށްރަށުގެ ކައުންސިލްތަކުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އެ ކޮންފަރެންސްގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ސަރުކާރަށް ދިމާވި ބައެއް ދަތިތަކާއި ކައުންސިލްތަކުގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.