އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ދައުވާކޮށްފައިވާ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ނާޒިމް ސައްތާރުގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތައާވަލު ކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށެވެ. އެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ ސިއްރު ކޮށްގެންނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި, ނާޒިމް ހައްޔަރު ކުރީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހު 12 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

އަލަމްގިރި ކުށަށް އިއުތިރާފުވެ ވީހާ ވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށް އެދުމުން އޭނާއަށް އަދަބު ކަނޑައެޅީ ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަޑުން އަދަބުގެ އެއް ދަރަޖަ ދަށްކޮށްފައެވެ. އަލަމްގިރި އަށް ހުކުމް ކުރީ 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރޭގައި ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެއެވެ. އެ މައްސަލައިގައި އެ ތިން މީހުން ހައްޔަރުކުރި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވުމުން ތިން މީހުން ވެސް ދޫކޮށްލިއެވެ. ނަމަވެސް މި މަހުގެ ތެރޭގައި އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.