ރާއްޖޭގެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތް ފުޅާ ކުރުމަށް އިތުރު 65 ފެރީ ބަނުމަށް ނިންމައި އެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ސަރުކާރުން އެމްޓީސީއާ ހަވާލުކޮށްފައި ވާގޮތަށް އިތުރު ޒޯންތަކުގައި ފެރީގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާ ކަމަށެވެ.

އެގޮތުން ޒޯންތަކަށް ބޭނުންވާ ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިތުރު 65 ފެރީ ބަނުމުގެ މަސައްކަތުގައި ސޮއިކުރާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި މި ފެށޭ ހަފްތާގައި ސޮއިކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ޒޯން 1 ގެ 3 އަތޮޅު ކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ.

ބޮޑުތަނުން ހެޔޮ އަގުގައި އާންމުންނަށް ފަސޭހަ ވާ ގޮތަށް ދެމުން ދާ މިހިދުމަތުގައި ޒޯން 1 ގައި އާރްޓީއެލް 17 ފެރީ އަންނަނީ ބޭނުން ކުރަމުންނެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ އާރްޓީއެލްގެ ފެރީތައް ހިތްގައިމު ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށް، އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަ ކަމާއެކު ބޭނުން ކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ.