މިދިޔަ ހޯމަ ދުވަހު މާލޭގައި ފެށި މިނީ ބަހުގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބި އިއްޔެ އެކަނިވެސް 8024 މީހަކު އެ ހިދުމަތް ވަނީ ހޯދާފައެވެ.

އެކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެ ބަސް ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ތިން ވަނަ ދުވަހު އެކަނި 8024 ދަތުރުވެރިން އެ ބަހުގައި ދަތުރުކުރި ކަމަށެވެ.

ބަހުގެ ހިދުމަތް ހޯމަ ދުވަހު ފެށިއިރު އެ ދުވަހު ދަތުރުކުރީ 2،250 މީހުންނެވެ. އަދި އަންގާރަ ދުވަހު 3200 މީހަކު ވަނީ ބަހުގެ ހިދުމަތް ހޯދާފައެވެ. އިއްޔެ 8024 މީހަކު މިނީ ބަހުގެ ހިދުމަތް ހޯދާފައިވާއިރު ބަސް ދުއްވާ ރޫޓުތައް ކަމަށްވާ އޯކިޑް މަގު ރޫޓުން އެކަނި ވެސް 3094 މީހަކު ވަނީ ދަތުރުކޮށްފައެެވެ. އަދި އަމީނީ ރޫޓުން 2،416 މީހަކާއި ސޯސަން ރޫޓުން 2،514 މީހަކު ދަތުރުކުރިއެވެ.

މިނީ ބަހުގެ ތަޖުރިބާ ނައިބު ރައީސް ފައިސަލް ނަސީމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާކުރައްވާފައިވާއިރު ހުޅުމާލޭގައި ދިރިއުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިއްޔެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތީ އެމްޓީސީސީގެ ހުޅުމާލެ ބަހުގައި މާލެ ވަޑައިގަތުމަށް ފަހު އޯކިޑު ރޫޓުގެ ބަހުގައި މަޖިލީހާ އެންމެ ކައިރީ ބަސް ސްޓޮޕަށް ފައިބާވަޑައިގެން ތަންކޮޅަކަށް ހިންގަވާލައްވާފައެވެ. މަޖިލިސް މެންބަރުންނާއެކު އެ ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މިނީ ބަހުގެ ހިދުމަތްދޭން ފެށިތާ ތިން ދުވަސް ވެފައި ވާއިރު އާންމުންގެ ބޮޑުތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައި ވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އާދެއެވެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.

ފުރަތަމަ ދެ ހަފުތާގައި ހިލޭ ދަތުރުކުރެވޭއިރު އޭގެ ފަހުން މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނެގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.