މާލެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ވެހިކަލް ކެރީން ކެޕޭސިޓީ އެކުލަވާލުމަށް ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

އާޒިމް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުން، އެމީހުން ދިރިއުޅޭ ގެތަކުން ނުނިކުމެވިފައި ތިބެން ޖެހޭ ކަމަށާއި އެކަމުގެ ހައްލަކީ ވެހިކަލް ކެރީން ކެޕޭސިޓީއެއް ކަނޑައެޅުން ކަމަށެވެ.

ގާނޫނުން އެ ޒިންމާ އަދާކުރަން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ގާނޫނާ އެއްގޮތަށް ސިޓީ ކައުންސިލްް ހިންގުމަށް އާޒިމް ވަނީ ގޮވާލައްވާފައެވެ.

މާލޭގައި ވެހިކަލް ގިނަވާ މައްސަލައަކީ އަބަދުވެސް ދެކެވޭ ވާހަކައަކަށް ވާއިރު މި މައްސަލާގެ އަޑު ގަދަވެފައި ވަނީ މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ މައި މަގު ކަމަށްވާ މަޖީދީ މަގުގައި ޕާކުކުރުން މަނާކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން އަންނަނީ ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެގޮތުން މާފަންނު ސަހަރާ ހުސްކޮށް އެތަން ޕާކިން ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށްވެސް ސަރުކާރުން ނިންމާފައި ވާއިރު އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން ވެސް ދަނީ އަމާޒުވެފައެވެ.

މާލޭގެ ރަޖިސްޓްރީގައި 70،000 އަށް ވުރެ ގިނަ ވެހިކަލް ހުރި އިރު، އޭގެ ތެރޭގައި 68،000 ސައިކަލާއި 4،500 ކާރާއި 2،500 އެހެނިހެން ވެހިކަލް ހިމެނޭ ކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ހުރިހާ ވެހިކަލަކީ މާލޭގެ ރަޖިސްޓްރީގައި ހުރި ވެހިކަލް ނަމަވެސް ބައެއް ވެހިކަލްތަކަކީ މާލޭގައި ދުއްވާ ވެހިކަލްތަކެއް ނޫނެވެ.