ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ވ. އާރަށުގެ މައްސަލައިގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންޝަރީއަތުގެ މާލަމުގައި "ހީ ސަކަރާތް ޖެހުމުން" ގާޒީ ވަކީލަށް އިންޒާރު ދެއްވައިފިއެވެ.
މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައިވަނީ ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން މިއަދު ޝަރީއަތަށް ހާޒިރުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. އޭނާ ހާޒިރުކޮށްފައިވަނީ ޔާމީނާއި، ޔޫސުފް ނައީމާއި ދެމެދުގައި ޑޮލަރު ގަތުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކޮށްދިނުމަށެވެ.
އެ އަޑުއެހުމުގައި ދިފާއުން ހެކިވެރިޔާއާ ސުވާލުކޮށް ނިމުމުން ދައުލަތަށް ވަނީ "ކްރޮސް އެގްޒަމިން" ކުރުމުގެ ފުރުސަތު ދީފައެވެ. އެ ފުރުސަތުގައި ނަރީޝްއާ ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ސުވާލުކުރައްވާ ގޮތުން ޔާމީންގެ ދިފާއީ ވަކީލުން ވަނީ ތަކުރާރުކޮށް އިއުތިރާޒު ނަންގަވައިފައެވެ. ދައުލަތުގެ ވަކީލު ސުވާލުކުރައްވަނީ ނަރީޝް ހާޒިރުކުރި ދާއިރާ އިން ބޭރުން ކަމަށާއި ނަރީޝް ދެއްވާ ޖަވާބުތަކާ ގުޅުވައިގެން ނޫން ކަމަށް ދިފާއީ ވަކީލު އާދަމް ޝަމީމް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވަކީލް ޝަމީމްގެ އިތުރުން ޑރ. ޖަމީލް ވަނީ ދައުލަތުގެ ވަކީލު ނައުފަލް ސުވާލުކުރައްވަނީ ނަރީޝްއަށް ފުރައްސާރަކުރާ ގޮތަށް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލް ވަނީ ހެކިންނާ ސުވާލުކުރުމުގައި ވަކީލުން އަމަލުކުރަން ޖެހޭ ގޮތް ހުރިހާ ވަކީލުންނަށް ވެސް ސާފުވާނެ ކަމަށާއި އޭގެ ބޭރުން އަމަލުނުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އޭގެ ފަހުން ދައުލަތުގެ ވަކީލު ވަނީ އެހެން ދުވަހެއްގައި އެއްމިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނެ ތޯ ނަރީޝްއާ ސުވާލުކުރައްވާފައެވެ. އެކަމާ ގުޅިގެން ދިފާއީ ވަކީލު ޝަމީމް ނެންގެވި އިއުތިރާޒުގައި ވިދާޅުވީ ދައުލަތުން ވަކި ޖަވާބެއް ހޯދަން "ލީޑިން" ސުވާލު ކުރައްވާ ކަމަށެވެ.
ވަކީލު ޝަމީމްގެ އެފަދައިން ވިދާޅުވުމުން ދައުލަތުގެ ވަކީލު، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ މަރްޔަމް ޝަހުމާ ވަނީ ހޭން ފައްޓާފައެވެ. އަދި ހުނުން ކޮންޓްރޯލް ކުރުމަށް އަނގަތީގައި އަތް އަޅާ މަންޒަރާއި ވަކީލު ނައުފަލްގެ އަތުގައި ކޮއްޓަވާލައްވައި ވާހަކައެއް ވިދާޅުވުމަށްފަހު އަނެއްކާވެސް ހުނުން ކޮންޓްރޯލް ކުރައްވަން މަސައްކަތްކުރައްވާ މަންޒަރު ފެނިގެންދެއެވެ.
އެކަމާ ގުޅިގެން ގާޒީ ޝަކީލް ވިދާޅުވީ ކޮންމެ ވަކީލަކީ ވެސް ވަކީލުން ކުރަންޖެހޭ ހުވާ ކޮށްގެން، އެ މިންވަރަށް ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެހެންކަމުން ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނީ އެ އުސޫލުން ކަމަށެވެ."ޝަރީއަތަށް ޖެއްސުން ކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން ފެންނަން ވާނެ ސިފައެއް ނޫން. އެގޮތަކަށް ޝަރީއަތަށް ފުރުސަތެއް ވެސް ނޭރުވޭނެ،" ގަޒީ ވިދާޅުވި އެވެ.
ގާޒީ އަހުމަދު ޝަކީލް ވަނީ އެއީ ހީ ސަކަރާތް ޖަހާ މަޖިލީހެއް ނޫން ކަމަށާއި އެކަކު އަނެކަކަށް ކޮށްޓާ ހީސަކަރާތް ޖެހުމުގެ މަޖިލީހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އަމަލުތައް ކުރައްވާނަމަ ޝަރީއަތުން އެ ވަކީލަކާއި ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ދައުލަތުގެ އެއް ވަކީލަކު، އަނެއް ވަކީލުގެ އަތުގައި ކޮއްޓައި، ހީ، ސަމާސާކުރާ މަންޒަރުގެ ރެކޯޑިން ސޯޝަލް މީޑިއާ ގައި ދައުރުވަމުން އަންނައިރު ގިން ބަޔަކު އަންނަނަނީ ދައުލަތުގެ ވަކީލުންނަށް ފާޑުކިޔަމުންނެވެ.
މައްސަލައިގާ އިއްޔެ ވަނީ ދައުލަތުން ހުށަހަޅާފައިވާ އެންމެ ފަހު ދެ ހެކިވެރިންގެ ހެކިބަސް ނަގާ ނިންމާލާފައެވެ. އިއްޔެ ހެކިބަސް ދެއްވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.