ޕާކިސްތާނަށް ކުރަމުންދާ ދިގުލީ ވިއްސާރައިގައި އެގައުމުގެ ތިންބައި ކުޅަ އެއްބައި މިހާރުވެސް ފެނު އަޑީގައި އޮތް އިރު، އެންމެ ބޮޑު ކޯރު ފުރި ބަންޑުން ވެދާނެ ކަމުގެ ބޮރު ބޮޑުވެއްޖެއެވެ.

ސިންދް ޕްރޮވިސްގައި އޮންނަ މަންޗާރު ލޭކް މިހާރު ވަނީ ފުރިފައި ކަމަށާއި، ނުރައްކާ މިންގަނޑު ފަހަނައަޅާ ގޮސް ފުރި ބަންޑުންވެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މި ކޯރު ފުރި ބަންޑުން ވިޔަ ނުދޭން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ މަސައްކަތްވެސް މިހާރު ނާކާމިޔާބުވެފައި ވާ ކަމަށް ހަބަރުތައް ލިބެމުން އެބަދެއެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، އެ ކޯރު ފުރިގެން ބަންޑުން ވާ ހާލަތެއްގައި ބޮޑު ނުރައްކަލަކާ ކުރިމަތި ވާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ. އަދި މިހާތަނަށް 100،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ވާކަމަށްވެސް ބުނެއެވެ.

ހަބަރުތައް ބުނާގޮތުން، މަންޗާރު ކޯރު ބަންޑުން ވިޔަ ނުދިނުމަށް އޮފިޝަލުން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ކޯރާ ކައިރި 400 ވިލެޖަކަށް ފެންގަނޑު ފައިބާ ގަންނާނެއެވެ. އެ ވިލެޖްތަކުގައި 135،000 މީހުން ދިރިއުޅެއެވެ.

ޕާކިސްތާނުގެ މަންޗާރު ލޭކް ފުރެމުން އަންނަ ގޮތް ފެންނަ ގޫގްލް މެޕެއް

ޕާކިސްތާނުގައި ފެންބޮވެ ލިބެމުންދާ ގެއްލުންތަކާ އެކު މިހާތަނަށް 33 މިލިއަން މީހަކަށް އެކި ވަރުގެ އަސަރު ކޮށްފައި ވާކަމަށާއި، 1314 މީހަކު މަރުވެފައި ވާކަމަށް ބުނެއެވެ. މީގެ ތެރޭގައި 458 ކުޑަކުދިން ހިމެނެއެވެ.

ސިންދު ޕްރޮވިންސަކީ ޕާކިސްތާނުގެ ދެބައިކުޅަ އެއްބައި އާބާދީއަށް ބޭނުންވާ ކާބޯތަކެތީ އުފައްދާ ސަހަރު ކަމަށް ވާއިރު، ފެންބޮޑުވުމުގެ މިހާދިސާ އާ އެކު ޕާކިސްތާން ބަނޑަށް ޖެހި އިގްތިސޯދު މުޅިން ހަލާކުވެދާނެ ކަމަށް މުރާސިލުން ބުނެއެވެ.

ޕާކިސްތާނަށް މިހާރު ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް 10 ބިލިއަން ޑޮލަރުގެ އެހީ ބޭނުން ވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފައި ވާއިރު، ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުންވެސް ވަނީ އެގައުމަށް ފައިސާގެ އެހީވެ ދިނުމަށް ގޮވާލާފައެވެ. އަދި ކިތަންމެ ކުޑަނަމަވެސް އެހީއެއް ވެދެންވެން އޮތިއްޔާ ވެ ދިނުމަށާއި އެކަމަށްޓަކައި މާލޭގައި ހުންނަ ހަބީބް ބޭންކްގައި ހުޅުވާފައި އޮތް އެކައުންޓް 2050-007000500303 (ޕްރައިމް މިނިސްޓާސް ފްޑް ރިލީފް ފަންޑް 2022) އަށް ފައިސާ ޖަމާކޮށްދިމުނަށް ވަނީ އެދިފައެވެ.

ޕާކިސްތާނަކީ ދިވެހިންވެސް ދިރުއުޅޭ ގައުމެކެވެ. ފެންބޮޑުވުމުގެ މިހާދިސާ އާ ގުޅިގެން ދިމާވެދާނެ ކަންކަމުގައި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންގެ މައުލޫމާތު އެއްކުރަމުންނެވެ.

އެންމެ ފަހުން ފަހުން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެގައުމުގައި އުޅޭ 67 ދިވެއްސެއްގެ މައުލޫމާތު ލިބިފައި ވާ ކަމަށާއި ފިނަ ދިވެހިން އުޅެނީ ލާކޯރާއި ކަރާޗީގައި ކަމަށެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.