ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ފެނަކަ އިން މިހެން ބުނީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކޮށް، ރައްޔިތުންނަށް އޮޅުވާލައި މަކަރާއި ހީލަތް ހެދުމަށް ބަޔަކު ފަށާފައިވާ ފިނޑި މަސައްކަތްތަކެއްގެ ތެރެއިން އެ ކުންފުނީގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުކުރަމުން ދާކަން ފާހަގަ ކުރެވުމުންނެވެ. ފެނަކައިން ވަނީ އެފަދަ މެސެޖްތަކަށް އެ ކުންފުނީގެ އެންމެހައި ލޮބުވެތި ކަސްޓަމަރުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ފެނަކައިން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުންނާ ނުހަނު ގާތުން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިން ފޯރުކޮށްދޭ އެއްވެސް ހިދުމަތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ނަމަ، އެ ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުން، އެކަމާގުޅޭ ތަފްސީލްތައް ކަސްޓަމަރުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއްގެ ތަފްސީލް ހޯދުމަށް ވަކި ލިންކަކަށް ކްލިކް ކުރުމަށް ނޭދޭނެ ކަމުގައި ވެސް ފެނަކައިން ބުނެއެވެ.
އެހެންކަމުން، އެ ކުންފުނީގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ އެއްވެސް މެސެޖެއްގައި ހިމަނާފައިވާ ލިންކަކަށް ކްލިކް ނުކުރުަމށް ފެނަކައިން ވަނީ އެދިފައެވެ. އަދި އެފަދަ މެސެޖަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ރަށެއްގައި ހުންނަ މި ކުންފުނީގެ ބްރާންޗުން ނުވަތަ ކުންފުނީގެ ހެޑްއޮފީހުން މައުލޫމާތު ސާފު ކުރުމަށް ފެނަކައިން ބުނެއެވެ.
އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖްތައް ފޮނުވާ ކަން ފާހަގަކޮށް އެކަން ބަލަމުން ދާ ކަމަށް މިއަދު ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. އެ ގޮތުން ސަރުކާރު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށް ދޭ ޔޫޓިލިޓީ ހިދުމަތްތަކަށް ބިލް ދައްކައިގެން 50 ޕަސެންޓް ޑިކްސައުންޓެއް ލިބޭނެ ކަމަށް ބުނެ ވެސް ސްކޭމް މެސެޖް ފޮނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މެސެޖާ އެކު ވެސް ޑިސްކައުންޓް ހޯދަން ވަންނާނެ ލިންކެއް ހިއްސާކޮށްފައި ވާ އިރު، މި ފަދަ ސްކޭމްތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.