މީހުން ދިރިއުޅޭ ރަށްރަށުން ނަގާ ގްރީން ޓެކްސްގެ ފައިސާ އެ ރަށަކަށް ލިބޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މިއަދު ގޮވާލައްވައިފިއެވެ.
މެންބަރުން މިހެން ގޮވާލާފައި ވަނީ މިއަދު މަޖިލީހުގައި ގްރީން ޓެކްސް ނެގުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޓޫރިޒަމްގެ ގާނޫނު އިސްލާހު ކުރުމަށާއި ޖީއެސްޓީ ބޮޑު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުށް ހުށަހަޅާފައިވާ ދެ ބިލަށް ބަހުސް ކުރައްވަމުންނެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ބަހުސަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ގްރީން ޓެކްސް ނެގުމުގެ މަގްސަދަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށް ވާ އިރު، އެ ރަށަކުން ދޭ ފަތުރުވެރިކަމުގެ ހިދުމަތަކުން ނަގާ ޓެކްސްގެ ބައެއް ނަމަވެސް އެ ރަށަކަށް ދޭން ޖެހޭނެ ކަމަށެވެ. އެގޮތަށް ގާނޫނަށް އިސްލާހު ގެނެސްފި ނަމަ، އެ ރަށަކަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެ ފައިސާ އިން ހަރަދުކުރެވޭނެ މަގު ތަނަވަސް ކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުހައްމަދު އަބްދުﷲ ޝާފޫގް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރިއިރު ވެސް، ގްރީން ޓެކްސް އެ ރަށަކަށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށާއި އެގޮތަށް އިސްލާހު ނުގެންނަން ނިންމީ ބައެއް ރަށްރަށް ބާކީ ވެދާނެތީ ކަމަށެވެ. ނިޔާޒްގެ ވާހަކައިގައި އޭނާ ވިދާޅުވީ، ރާއްޖޭގެ މަދު އަތޮޅުތަކެއް ކަމަށް ވާ އއ. އދ. ބ. އަދި ކ އަތޮޅުން ދައުލަތުގެ އާމްދަނީއަށް ބިމު ކުލީގެ ގޮތުގައި ފައިސާ ލިބޭ އިރު، އެގޮތަށް ގްރީން ޓެކްސް ބަހާ ނަމަ، ގިނަ ރަށްތަކަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށެވެ.
ނިޔާޒަށް ރައްދު ދެއްވަމުން މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގްރީން ޓެކްސް ނަގާ ރަށަކަށް އެ ފައިސާ ލިބޭ ގޮތް ހަދަންވީ އެ ރަށަކީ މީހުން ދިރިއުޅޭ ރަށަކަށް ވާނަމަ ކަމަށެވެ. ރިސޯޓުތަކުން ލިބޭ ޓެކްސް ބަހާ ނަމަ، މުޅި ރާއްޖެއަށް ހަމަހަމަކޮށް އަމަލު ނުކުރެވޭނެ ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކ. މާފުއްޓަކީ ކިތަންމެ ވަރަކަށް ގްރީން ޓެކްސް ލިބުނު ރަށެއް ކަމުގައި ވީ ނަމަވެސް، ތިމާވެށީގެ މައްސަލަތައް ވެސް އެ ރަށުގައި ބޮޑުކަން ފާހަގަ ކުރައްވަމުން އޭނަ ވިދާޅުވީ، އެ ޓެކްސްގެ ފައިސާ އެ ރަށަށް ލިބޭ ނަމަ، ރަށު ފެންވަރުގައި އެ މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވި އެވެ.
މުހައްމަދު އަބްދުﷲ ޝަފީގްގެ ވާހަކައަށް ތާއީދުކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ، ގްރީން ޓެކްސް ނަގަނީ ތިމާވެއްޓަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލުކުރަން ހަރަދު ކުރުމަށް ކަމަށް ވާއިރު، އެ ފައިސާ ބޭނުން ކުރަނީ އެ މަގްސަދު ހާސިލުކުރުމަށްތޯ ބަލަން ޖެހޭ ކަމަށެވެ. ރަށްރަށުގެ ކުނީގެ މައްސަލަތަކާއި ރަށް ގިރުމުގެ މައްސަލަތަކާއި އެ ނޫން ވެސް ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރަން ހަރަދު ކުރަން ޖެހޭނީ ގްރީން ޓެކްސްގެ ފައިސާއިން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ރަށު ފެންވަރުގައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވެސް ވަނީ އެ ހިޔާލަށް ތާއީދު ކުރައްވާފައެވެ. އަލީ ހުސައިން ވިދާޅުވީ، މިހާތަނަށް އައި އިރު، ގްރީން ޓެކްސްގެ މަގްސަދު ހާސިލުނުވާ ކަމަށެވެ. އެގޮތުން ތިމާވެށީގެ ކަންކަމަށް ހަރަދުކުރުމުގެ ނަމުގައި ނަގާ ޓެކްސްއަކަށް ގްރީން ޓެކްސް ވާއިރު، އެ ނޫން ބޭނުންތަކަށް އެ ފައިސާ ހަރަދު ނުކޮށް، ތިމާވެށީގެ ބޭނުމަށް، ކުނި ނައްތާލުމަށް އަދި މޫސުމީ ބަދަލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށްޓަކައި އެ ފައިސާ ބޭނުން ކުރަން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.