2033 ވަނަ އަހަރު ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ އޮތް އެ ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވާ އިމްރާން ޓްވީޓްގައި ވިދާޅުވީ، 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރު މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭން ފާސްކޮށްފައެވެ.

އެ ޕްލޭނުގައި ހިމެނޭ ދާއިރާތަކަކީ އެތެރޭގެ ހިންގުން، ގޮފި އަދި ދާއިރާތައް، ޕަބްލިކް ރިލޭޝަންސް، ޕާޓީގެ ސިޔާސަތު، އިންތިހާބުތައް، ޕާޓީގެ މާލިއްޔަތު، ދާހިލީ އަދި ހާރިޖީ ގުޅުންތައް އަދި ޕާޓީގެ މެމްބަޝިޕެވެ.

އަންނަ ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީން ބޭފުޅަކު ވާދަ ކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާއިރު އެމްއަރާއެމުންނާއި އެމްޑީޕީންނާއި، ޖޭޕީންނާއި، އެމްއެންޕީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ހަމައެއާއެކު ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ވެސް ދީފައެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާ ގެންދަވަނީ މިހާރު ވެސް ކެމްޕެއިން ކުރައްވަމުންނެވެ.