ތިލަމާލެ ބްރިޖް ސާވޭ މަސައްކަތުގައި ކޮޅު ކޮޅަށް ދުއްވާ ޕްލެޓްފޯމް ވިލިނގިލި ބޭރުން ފަރަށް އެރުމުން ފަރަށް ގެއްލުން ބަލާ ސާވޭ ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މީގެ ކުރިން ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައި ހުރި ގެއްލުން ބެލުމަށް ކުރާ ސާވޭ އެ ސަރަހައްދުގައި ހުރި ދަގަނޑުތައް ނަގާ ސާފުކޮށް ނުނިމުނަސް މިދިޔަ ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ.
ނަަމަވެސް ސާވޭ ކުރުން މިހާރު އަންނަ ބުރާސްފައްޗަށް ލަސްވެފައި ވާ ކަމަށާއި، އެހެން އެކަން ދިމާވީ، މި ދެތިން ދުވަހު މޫސޫން ގޯސްވެ އެ ސަރަހައްދުގެ މޫދަށް އެރިއުޅުމަށް އުނދަގޫތަކާ ކުރިމަތިވެގެން ކަމަށެވެ.
ޕްލެޓްފޯމް ފަރަށް އެރުމުން، ފަރުމައްޗަށް އެޅުނު ދަނގަޑުތައް އެފްކޮންސް އިން ވަނީ އިއްޔެގެ ނިޔަލަށް ނަގާ ސާފުކޮށްފައެވެ.
ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން ބަލަން އީޕީއޭިން ހަދާ ސާވޭއަށް ފަހު ފަރަށް ގެއްލުން ލިބިފައިވާ ނަމަ ގަވާއިދުގައި އޮންނަ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އީޕޭއީން ބުނެއެވެ.
ޕްލެޓްފޯމް ފަރަށް އެރި ހާދިސާ ހިނގީ، ޕްލެޓްފޯމު އޮތް ސަރަހައްދަށް ގެންގޮސް އޭގެ "އެންކާ ސްޕަޑްތައް" ނުވަތަ ފައިތައް ގާއިމް ކުރަން އުޅުމުގެ ތެރޭގައި އޮއި ގަދަވެގެން ކަމަށް ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާގައި އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި އަނިޔާވެސް ވިއެވެ.
ތިލަމާލެ ބްރިޖް ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.