ޖަލުގައި ބަންދުކޮށްފައި ހުރި ފިރިހެނަކާ ބައްދަލުކުރަން ދިޔަ އޭނާގެ އަންހެނުން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ހިމެނޭ އަންހެން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލުގައި އޮތް އޭނާގެ ފިރިމީހާ އާ ބައްދަލުކުރަން ދިޔައިރު މީގެ ހަތަރު އަހަރު ކުރިން ޖުލައި މަހުގެ ތެރޭގައި ރަބަރު ދެ ކޮތަޅަކަށް މަސްތުވާތަކެތި ލައިގެން އެތެރެކުރަން އުޅުމުންނެވެ.

ނަމަވެސް، އޭނާގެ ހަށިގަނޑު ފާސްކުރުމުގައި ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ، މައްސަލަ ސާބިތުވާ ގޮތެއް ނުވިއެވެ. ސަބަބަކީ، އަންހެނަކު ބަލައި ފާސްކުރަން ޖެހޭނީ އަންހެން ފުލުހެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތުމުން ކަމަށް، ކްރިމިނަލް ކޯޓުން އޭރު ކުރި ހުކުމްގައިވެއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނީ:

  • އަންހެން ފުލުހަކު ނެތް ހާލަތެއްގައި ޑިއުޓީ އިންޗާޖު އަންގާ ކޮންމެ އަންހެނަކަށް ވެސް އަންހެނަކު ފާސްކުރެވިދާނެ ކަމަށް ފުލުހުންގެ ގާނޫނުގައި އެބަ އޮތް ކަމަށް
  • ޖަލަށް ވަންނަ މީހުން ފާސްކުރުމުގެ ބާރު ކަރެކްޝަންސްގެ އޮފިސަރުންނަށް ލިބިފައިވާ ކަމަށް

މާފުށި ޕޮލިސް ސްޓޭޝަންގައި އަންހެން ފުލުހަކު ނެތުމުން، އެ އަންހެން މީހާގެ ހަށިގަނޑު ފާސްކޮށްފައި ވަނީ ކަރެކްޝަންސްގެ އޮފިސަރުންނެވެ. ހައި ކޯޓުން ނިންމީ އެ އަންހެން މީހާ ބަލައި ފާސްކުރިއިރު، ކަރެކްޝަންސްގެ އޮފިސަރުން އެކަން ކޮށްފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ ގާނޫނީ ބާރުތައް ބޭނުންކުރުމުގެ ގަވައިދާ އެއް ގޮތަށް ކަމަށެވެ.

އެހެންވެ، އެ މައްސަލައަކީ މައުލޫއީ ގޮތުން ބަލައި ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ފެންނާތީ، ހައި ކޯޓުން ނިންމީ އެ މައްސަލަ ކްރިމިނަލް ކޯޓަށް އަލުން ފޮނުވުމަށެވެ.

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.