ދަރިވަރުންނަކީ އުފެއްދުންތެރި، އަދި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ އުންމީދުތަކަކާ އެކުގައި ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ހެޔޮލަފާ ޖީލެއް ބިނާ ކުރުމަށްޓަކައި މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރަން ޖެހޭނެއެވެ. އެކަން ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި، އެއްބަޔަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ:

  • ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު ނުކުންނަ ދަރިވަރުންނަކީ އުފެއްދުންތެރި ބަޔަކަށް ވާން ޖެހޭނެ ކަމަށް
  • އެ ދަރިވަރުންނަކީ ރިވެތި ސިފަތައް ލިބިގެންވާ، މުޖުތަމައަށް އަހުލުވެރި ބަޔަކަށް ވާން ޖެހޭނެ ކަމަށް
  • އެ ދަރިވަރުންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ބަޔަކަށް ވާން ޖެހޭނެ ކަމަށް
  • އެކަން ކުރެވެން އޮތީ މުޅި މުޖުތަމައު ޒިންމާދާރުކުރެވިގެން ކަމަށް

ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސްކޫލް ނިސްބަތްވާ އަލްމަރްހޫމް އަލްއުސްތާޒް އަހްމަދު ކާމިލް ދީދީގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުވާލައްވައި، އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައިފައެވެ

ކާމިލް ދީދީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނުއަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މައާރިފް އަލްމަރްހޫމް އަލްއުސްތާޒް އަހްމަދު ކާމިލް ދީދީ އަށެވެ. އޭގެ އިތުރުން ކާމިލް ދީދީ އަކީ ދިވެހިބަހުން ތަފާތު ފޮތްތައް ލިޔުއްވި އަދީބެއް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑް 6 އާ ހަމައަށް ކިޔަވައިދޭ ކާމިލް ދީދީ ސްކޫލްގައި 824 ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ ސްކޫލްގައި ފައުންޑޭޝަން (އެލްކޭޖީ، ޔޫކޭޖީ) ގަޑިތައް ނަގައިދެނީ ހަތަރު ދަންފަަޅިއަކަށް ބަހާލައިގެންނެވެ. އަދި ގްރޭޑް 1 އިން 6 އަށް ކިޔަވައިދެނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.