ޑްރަގް މައްސަލައިގައި ތިބި ގައިދީން ރިހިބިލޭޓްކޮށް މަުޖުތަމައު އަށް ދޫކޮށްލުމަކީ އެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓަރު އިބްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގުރާމް ފުރި ހަމަކުރި 32 ގައިދީން ސަރުތުތަކަކާ އެކު އިއްޔެ އެމީހުންގެ އާއިލާތަކާ ހަވާލު ކުރުމުންނެވެ. އެ ޕްރޮގްރާމްގެ 32 ބައިވެރިން ދޫކޮށްލާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތައް ޝަރުތުތަކެއް ކޮށް އެމީހުން މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ދަށުން ކަމަށް ކަރެކްޝަން އިން ބުނެއެވެ.

އިމްރާން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަން ފުރިހަމަ ކުރި ގައިދީން މުޖުތަމައު ގެ ތެރެއަށް ދޫކޮށްލި ފަހަރެވެ. އަދި މި ކަމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މަސްތުވާތަކެތި ޓްރެފިކްކޮށް، އެތަކެތިން ވިޔަފާރިކުރާ މައްސަލައަކީ ރާއްޖޭގައި ބޮޑު، އަދި ހައްލުކުރެވިފައި ނުވާ މައްސަލައެކެވެ. މީގެ ކުރިން ކުދި ޕެކެޓުތަކުގައި މަސްތުވާތަކެތި އެތެރެކުރި ނަމަވެސް، ފަހަކަށް އައިސް ކިލޯ ކިލޯގައި އަދި ގޯނި ގޯނީގައި މަސްތުވާތަކެތި އަތުލައިގަންނަ އަދަދު ވަނީ އިތުރުވެފައެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނަ އިރު، އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.