ހއ. އިހވަަންދޫ ގެއެއްގައި މިއަދު މެންދުރު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގުމާއެކު އެ ރަށުގެ ރައްޔިތުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވެފައެވެ. އެ ގޮތުން ގިނަ ފިރިހެނުންތަކެއް އެއްވެ ވަނީ ރޯވެފައިވާ އަލިފާން ނިއްވުމަށް ބާލިދީތަކުން ފެން ޖަހައި ހުޅުގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.

މިހާދިސާ އާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ފުލުހުން ބުނީ، އަލިފާނުގެ ހާދިސާއެއް އެ ރަށުގެ ގެއެއްގައި ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

އަދި މިހާރު އެ އަލިފާންގަނޑު ވަނީ ނިއްވާލެވިފައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ހިނގި މި އަލިފާނުގެ ހާދިސާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އެގޭގައި އަލިފާން ރޯވެ ހުޅުގަނޑު ވަރަށް ބޮޑަށް ފެތުރި އަނދަމުން ދިޔަ މަންޒަރު ފެނެއެވެ. އަދި އަލިފާން ނިއްވާލުމަށް އެ ރަށުގެ ފިރިހެނުން ހަރަކާތްތެރިވެފައިވާ އިރު، އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރިތަން ވެސް ވީޑީއޯ އިން ފެނެއެވެ.

މި ހާދިސާ ހިނަގަން މެދުވެރިވީ ސަބަބު އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެގެއަށް ލިބުނު ގެއްލުމުގެ ތަފްސީލް ވެސް އެއްވެސް އިދާރާއަކުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.