އުމުރުން 65 އަހަރު ނުވިޔަސް، ފަނޑިޔާރުންނަށް ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާ ކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮތް ގޮތުން ފަނޑިޔާރު ކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވޭނީ އުމުރުން 55 އަހަރުވުމުންނެވެ. ނަމަވެސް މިދިޔަ މަހު 28 ގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގައި އޮތީ އެ އުމުރު 65 އަހަރަށް މަތިކުރަން ހުށަހަޅައިފައެވެ.
އެކަމާ ގުޅިގެން ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔާކުރައްވަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށް ވުރެ މަތީ އުމުރުގެ ފަނޑިޔާރުންނަށް ރިޓަޔާކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައިވާ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިން އެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އެ ބިލުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާ އިސްލާހުގެ ތެރޭގައި ފަނޑިޔާރުން އަމިއްލައަށް އެދިގެން މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅުމާއި، ފަނޑިޔާރު ކަމުގެ މަސައްކަތުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތްތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަންޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
ހަމައެއާއެކު ފަނޑީޔާރުންގެ ތެރޭގައި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަސް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށޫން ދޫކުރާ ބިމާއި ފްލެޓް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމްތައް ހަމަޖައްސަން ވާނެ ކަމުގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި ފަނޑީޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސް ފަނޑިޔާރުންނަށް ލިބޭ އުސޫލު އިސްލާހުކޮށް، އެ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސެންޓަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެލުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކުރަން ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތައެހެން ކޯޓެްގެ ލީގަލް އެސިސްޓަންޓް ކމަުގެ މަގާމުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަ ޖެއްސުން ހިމެނެއެވެ.