ޏ. ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެތެރެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިއަދު ކަމަށެވެ.

ތާރު އެޅުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ފުވައްމުލައް ސިޓީ މެޔާ އިސްމާއިލް ރަފީގު ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫގެ ދަށުން މަޝްރޫގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ، ހަމައެއާއެކު މަގުމަތީ ނިޝާން ހަރު ކުރުމާއި، މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ ކުރިން ފުވައްމުލަކު ސިޓީގައި ވާރޭ ވެހި ފެންބޮޑު ވެއްޖެ ނަމަ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ މައްސަލަތަކާއި އެކަމާ ގުޅިގެން އެތައް ޝަކުވާތަކެއް ވަނީ ކޮށްފައެވެ. އެމްޓީސީސީން އެ ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމާ ލެވޭ އިރު ފުވައްމުލަކު ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.