އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ފަނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާކަމަށާއި، މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅެމުންދާ ކަމަށެވެ.

އަދި އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މަސައްކަތްކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ނުވަތަ މި މަރުހަލާގެ އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، މި މުޖުތަމައުގެ އަދުލުވެރިކަމާއި އަމަންއަމާންކަމާއި ރައްކާތެރިކަން މި މުޅި މުޖުތަމައަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފުކަމަށާއި މި ސަފުގައި ތިބޭ ކޮންމެ ފަރާތެއްވެސް އެ އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ އަދި އެ އަދާކޮށްދެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާކަމަށާއި އެ ޒިންމާއަށް ރައްކާތެރިވުމަކީ ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވާ ހިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި ޖިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ހިދުމަތަށް އިހުތިރާމާއި ލޯބިކޮށް ގަދަރުކުރުމަކީ އެ މުޖުތަމައުގެ އަފުރާދުންގެ ޒިންމާއެއް ކަމަށާއި މިހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާކަމަށް ވާނަމަ އެ މުޖުތަމައެއްގެ ތެރޭގައި އޮންނަންޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ދައުލަތުގެ މުއައްސަސާއަށް، ރައްޔިތުންގެ މުއައްސަސާއަށް، ރައްޔިތުންގެ ކަރާމާތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ހިދުމަތް ކުރުމުގައި 25 އަހަރު ދެމިތިބުމަކީ ވަރަށް ބޮޑުކަމެއް ކަމަށާއި އެއީ ގައުމެއްގެ ހަޔާތުގައި ހަތަރު ޖީލުގެ މަސައްކަތް ކަމަށެވެ.

މި ހިދުމަތް މިގޮތުގައި ފުރިހަމައަށް އަދާކޮށް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކޮށް ގެންގޮސްދޭ ކަންކަން ބަލައިގަތުމަކީ އެބައެއްގެ ތެރޭގައި އޮތް ކުރިއެރުމުގެ ތަސައްވަރު ފުރިހަމައަށް ހާމަކޮށްދޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ދުނިޔޭގައި ކުރިއަރައިގެންދާ ގައުމުތަކުން ކުރިއަރައިގެންދަނީ މިފަދަ ހިދުމަތްތައް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރެވޭއިރު އެއް ޖީލަށްވުރެ އަނެއް ޖީލުގެ ހިދުމަތް ފުރިހަމަ ކުރާނެ މަގުތައް ކޮށައިދީ ދައްކާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އިމްރާން ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން މި މުޖުތަމައުގައި ގާއިމު ކުރުމަށްޓަކައި އިސްކުރުމަށް ފުލުހުންގެ ބޮލުގައި މި ޒިންމާ އަޅުވާފައި ތިބުމަކުން ނުވާނެ ކަމަށެވެ. އަދި ފުލުހުން މި ޒިންމާ އެންމެ ހެޔޮގޮތުއި އަދާ ނުކުރުމަކުން ވެސް ނުވާނެކަމާއި، ކާބަފައިންގެ ދުވަސްވަރުއޮތް އަމަންއަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްކުރަންޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.