މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފަޅާލައިގެން ވަދެ 25 ރުފިޔާ ނެގި މީހާއަކީ ޖަލުން މިނިވަންވި ފަހުން އަދި މަސްދުވަސް ނުވާ މީހެއްކަން ކޯޓު އަމުރުން ހާމަވެއްޖެއެވެ.

މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދޮރެއް ހަލާކު ކޮށްލައިގެން މީރާއަށް ވަދެ 25 ރުފިޔާ ނެގި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

އެ މީހާގެ ބަންދަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ބުނެފައިވަނީ އެ މީހަކީ 2014 ވަނަ އަހަރުން ފެށިގެން 2022 އަށް އަހަރު ވަންދެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށާއި އޭނާ ޖަލުން މިނިވަންވީ މިދިޔަ ޖުލައި 19 ވަނަ ދުވަހު ކަމަށެވެ.

ފިނޭންސް މިނިސްޓްރީވެސް ހިންގަމުންދާ މީރާގެ އިމާރާތަކީ 24 ގަޑިއިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓާތަނަކަށް ވާއިރު އެތަން ފަޅާލައި ވައްކަން ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތަކުން ވައްކަން ކޮށްފައިވެއެވެ. އެގޮތުން ތަފާތު އެތައް ފަހަރެއްގެ މަތިން މިފްކޯ ގެ އޮފީސް ފަޅާލާފައިވާއިރު އާރުޑީސީންވެސް އެތައް ފަހަރަކު ވަނީ ވައްކަން ކޮށްފައިވެއެވެ.