ދިވެހި ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށް ވުރެ ވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ ދިވެހިފުލުހުންގެ ހިދުމަތް ވަކި މަދަނީ ހިދުމަތެއްގެ ފެށި ހިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔަ އިރު، ދިވެހި ފުލުހުންގެ ހިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.
ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމި އޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދިވެހި ފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ، ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ގައުމު ތަރައްގީ ކުރުުމުގައި ހަމަނުޖެހުން ގާއިމްކޮށް ތަރައްގީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. އެގޮތުން އަމަން އަމާންކަން ގާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މިޖަލްސާގައި ފުލުހުންގެ ހިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓާ މަގާމުގެ އާންމު މުވައްޒަފުންނަށް، ހިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
ދިވެހި ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، ސެޕްޓެމްބަރު 1، 2004 ގައެވެ.