ގދ. ތިނަދޫއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފަޅު ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔަ ތިނަދޫ ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) ފެނިފައިވާކަން "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވާ ވާހަކަދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ އެ މީހާ ފެނިފައިވަނީ ފަޅު ގެއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ކަމަށާއި މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށެވެ.

އެ މީހާއަށް ވީ ގޮތް އަދި ޔަގީން ނުވި ނަމަވެސް ނޭވާލާ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

ސައުދު ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއްވާ ކަމަށާއި މިފަދަ ކޮންމެ ކަމެއްގައިވެސް ތިނަދޫ ރައްޔިތުން އެކަށްޗެއް ކިޔާ ނިކުންނަ ކަމަށެވެ.

އެ މީހާ ހޯދުމަށްރަށުގެ ރައްޔިތުންނާ ގުޅިގެން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.