އެކި ސަބަބުތަކާ ހެދި ޖުމްހޫރީ ޕާޓީ އާ ދުރަށް ދިޔަ މެންބަރުން ޕާޓީ އާ އަލުން ގުޅެން ބޭނުންނަމަ އެ ފުރުސަތު އެބައޮތް ކަމަށާއި، އެ މެންބަރުންނަށް މަރުހަބާ ކިޔާނެ ކަމަށް، ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާ އެކު މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ.

"ކުރިން [ޖޭޕީގައި] މަސައްކަތް ކުރައްވާފައި، ދޭތެރެއަކުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަން ދަތިފުޅުވެގެން ނޫނީ އެހެން ގޮތަކުން ވެސް އަޅުގަނޑުމެންނާ ތަންކޮޅެއް ދުރަަށް ވަޑައިގެންފައި، އަލުން އަނބުރާ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށް ޕާޓީގެ ޕްލެޓްފޯމު އޮތީ ހުޅުވިފައި." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ހުރިހާ ފަރާތްތަކަކާ ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން ހުންނެވި ބޭފުޅެކެވެ.

"އެހެން ވީމަ އަޅުގަނޑުމެންގެ ޕާޓީގައި މަސައްކަތް ކުރައްވާ ދެން ތިއްބެވި ހުރިހާ ބޭފުޅުންވެސް، އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ހަމަ އެމަނިކުފާނުގެ އެ ވިސްނުންފުޅު ކުރިއަށް ގެންދެވޭތޯ، އެގޮތަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ބަލަމު. އެހެންވީމާ އަޅުގަނޑުމެންނާ ނުރައްޓެހި ބީރައްޓެހި ބަޔަކު ނޫޅޭނެ. އަޅުގަނޑުމެންނަކީ ހުރިހާ އެންމެންނާވެސް ރައްޓެހި، ގާތް ރަހުމަތްތެރި ބައެއް."
އަމީން އިބްރާހީމް | ޑެޕިއުޓީ ލީޑަރު, ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީ އަކީ އުންމީދެއް އޮތް ޕާޓީ އެއް ކަމަށާއި، ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން އަބަދު ވެސް ފުރުސަތުތައް ފަހިވެފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މިހާރު މަސައްކަތް ކުރަނީ އަންނަ ޑިސެމްބަރުގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. އެކަމަށްޓަކައި ރަށްރަށުގެ ގޮފިތައް އެކުލަވައިލުން ފަދަ ކަންކަން އެ ޕާޓީން ދަނީ ކުރަމުންނެވެ. މިދިޔަ ހޯމަ ދުވަހު މީޑިއާ އަށް ދިން މައުލޫމާތުގައި ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި، އެ ޕާޓީގެ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން، ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވައިދާ އެއްގޮތަށް އެކުލަވާލައި ފުރިހަމަ ކުރުމަށްޓަކައި ހަތް މެންބަރުންގެ ވަގުތީ ކޮމިޓީ އެއް އުފައްދައި، ކޮމިޓީގެ މަސައްކަތް ވަނީ ފަށައިފައެވެ.

ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް އެ ކޮންގްރެސްގައި ނިންމާނެ ކަމަށް، ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ އެ ޕާޓީން މިފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.