ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެމްޑީޕީގެ އެކްޓިވިސްޓް އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު (ރާއްޕެ) އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ވާ ވީޑިއޯ ލީކުވެ، މަސްދުވަހާ ގާތްވެފައި ވަނިކޮށް އޭނާ ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ކުރި އިއުލާންގައި ބުނެފައި ވަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އިބްރާހިމް ރާފިއު ހާޒިރު ކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ އުމުރުން 54 ގެ ރ. މީދޫ ހަކީމީގެ ރާފިއު ފުލުހަށް ހާޒިރު ކުރުމަށް އިއުލާން ކުރީ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ. އަދި ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖަހާއިރަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ރާފިއު ހާޒިރުކުވާން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާފިއު ކަމަށް ތުހުމަތުކުރެވޭ ވީޑިއޯގެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

ރާފިއު އަކީ މީގެ ކުރިން އޭނާގެ ރަށުގެ ކަތީބުކަންވެސް ކޮށްފައިވާ މީހެކެވެ. އަދި އެމްޑީޕީ ޖަލްސާތައް ފެށުމުގެ ގޮތުން ޤުރުއާން ކިޔަވާ ރާފިއު އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކުރުމުން މަސައްކަތް ކުރަމުން އަންނަނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައެވެ.

އެ ވީޑިއޯ ލީކުވެފައި ވަނީ ރާފިއު އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގާފައި ވާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ވާހަކަތައް ދައުރުވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. ރާފިއު ހޯދަން ފުލުހުން އިއުލާން ކޮށްފައި ވާއިރު އޭނާ މިހާރު ހުރީ ސްރީލަންކާގައި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ރާފިއު ހޯދަން އިއުލާން ކޮށްފައި ވަނީ އެ މައްސަލާގައި ހިމެނޭ ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ އިތުރުން އެމްޑީ އަލަމްގިރިއަށް ދައުވާކޮށް ބައެއް މީހުންގެ ޝަރީއަތްތައް ފަށައިފާ ވަނިކޮށެވެ.