ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސުން އާންމުކުރި އިއުލާނުގައި ބުނީ، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. ހަމައެއާއެކު އެ ވަޒީފާއަށް އެދޭ ފަރާތަކީ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އެގޮތުން އުމުރުފުރާ ބަލާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓް 5 އިންޗި ހުރުން އަދި އަންހެނެން ނަމަ 5 ފޫޓް 3 އިންޗި ހުރި މީހެއް ކަމުގައި ވަން ޖެހެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު އަދި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަން ޖެހޭ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށާއި، ފޯމް ހުށަހަޅާނީ ޑިފެންސް މިނިސްޓްރީއަށް ކަމަށް ބުނެއެވެ. ހަމައެއާއެކު ފޯމް އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.