އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ކުރިއެރުން ހޯދައިދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިިދިޔަ ހޮނިހިރު ދުވަހު މ. އަތޮޅުގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މިއަދު މާލެ ވަޑައިގަތުމަށްފަހުއެވެ.
ރައީސް ވިދާޅުވީ މ.އަތޮޅުގެ ފަސް ރަށް ކަމަށްވާ ރަތްމަންދޫ މަޑުއްވަރީ ދިއްގަރު އަދި ވޭވަށާއި މުލީގެ ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާމެދު ހިޔާލު ބަދަލުކޮށްލުމުގެ ފުރުސަތު ލިބުނީތީ އުފާކުރަައްވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އެއްވެސް ރަށެއް ބާކީ ނުކޮށް އިގުތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން މުޅި ރާއްޖެއަށް ހޯދައިދިނުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސްގެ އެ ދަތުރުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވިއިރު ރަށްރަށުގައި ކުރިއަށްގެންދާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ވަނީ ބައްލަވާލައްވާފައެވެ.
ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައިފައިވާއިރު ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.