އާސަންދަ ކުންފުންޏެއްވެސް އަދި އެންސްޕާއެއްވެސް މިއަދު ބޭނުން ނުވާ ކަމަށާއި ބައިނަލްއަގްވާމީ ބޮޑެތި އިންޝުއަރެންސް ކުންފުނިތައް އެބަ ހުރި ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ހަސަންޓޭ މިފަދައިން ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ ދަރިމައިނުވުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އާސަންދަ އިން އެ ބައްޔަށް ފަރުވާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ހަސަންޓޭ ވިދާޅުވީ އާސަންދަ އުފެއްދި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެ ނިޒާމް ހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ދިރާސާއެއްކޮށް މިއީ މިހާރަށް އެންމެ އެކަށީގެންވާ ނިޒާމެއްތޯ ބަލަން ޖެހޭ ކަމަށާއި އެ ދިރާސާގެ ތެރެެއިން އާސަންދައިގެ ހަރަދުތައް އެންމެ ކުޑަކުރެވޭނެ ގޮތްތައް ބަލައި އެ ނިޒާމް ރަނގަޅުކުރަން މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.

އާސަންދައިގެ ދަށުން މިއަދާ ހަމައަށް އަހަރު ތަކަކަށް ހިސާބުތައް ނޫސްތަކުން ފެންނައިރު އަހަރު ދެބައި ނުވަނީސް 300 އެއްހާ މިލިއަން ރުފިޔާ ރައްޔިތުންނަށް ނަގާ ޓެކްސް ފައިސާއިން ހަރަދު ކުރެވިފައި ހުރި ކަމަށް ދައްކާ ކަމަށާއި އާސަންދައިގެ ސަބަބުން ބޭކާރުވެގެން އެތައް ހަރަދުތަކެއް ހިނގާ ކަމަށް އެތައް ބަޔަކު މިހާރުވެސް ފާހަގަ ކުރަމުންދާ ކަމަށްވެސް ހަސަންޓޭ ވިދާޅުވިއެވެ.

ހަސަންޓޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ ކުންފުންޏަކުން އިންޝުއަރެންސް ލިބެން އޮންނަ އިރު ވެސް އާސަންދައިން ވެސް އެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އާސަންދައިގެން ދަށުން ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމުން ދިއުމުން ވެސް ކުރަން ނުޖެހޭ އެތައް ޓެސްޓުތަކެއް ހަދުވާ، ބިލު ރާއްޖޭގެ ސަރުކާރުން ދައްކަން ޖެހޭ ކަމަށްވެސް ހަސަންޓޭ ވިދާޅުވިއެވެ.