ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނައިގެން އަވަދި ނެތިގެން އުޅުއްވާން ވެގެން އަތޮޅުތެރެއަށް ވަޑައިގަން ވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތީ އިންޑިއާއަށެވެ.
ރަސްމީ ނުރަސްމީ ދަތުރުފުޅެކެވެ. އިންޑިއާގެ އެކުވެރިއެއްގެ ދަރިއެއްގެ ކައިނެވި ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި އެދަތުރުފުޅުގެ ވާހަކަ ދައްކާން މިޖެހުނީ، ރާއްޖޭގެ މިވަގުތުގެ ސިޔާސީ މަސްރަހަށް އަރަމުންދާ ފުސް ވިލާނގަޑާއި މި ސަރަހައްދަށް ކުރަމުން ދާ ސިޔާސީ ބާރު ވިއްސާރައިގައި އެހެން ވިދުވަރެއް ފާއްދާތަން ފެންނާތީއެވެ.
ނަޝީދުގެ ދަތުފުޅުގެ ތަފްސީލުތައް ސިއްރު ކޮށްފައި އޮތަސް ފޮޓޯތަކުން މަންޒަރެއް ކުރަކާލީމައި ވާން އުޅޭގޮތް ސާފުވާން މަގެއް ހުޅުވެއެވެ.
ފޮޓޯތަކުން ކުރަހާން ވީ ކޮން މަންޒަރެއް؟
އެމްޑީޕީގެ ޕްރައިމަރީ އާއެކު އަންނަ އޮކްޓޫބަރަށް ދާން ރައީސް ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު ރައީސް ނަޝީދުވެސް އުންމީދު ކުރައްވަނީ އެ ޕްރައިމަރީގައި ކާލާ މަންނަ ޖައްސަވާން ކަމަށް ބެލެވެއެވެ. ދެބޭފުޅުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަ ކުރައްވާފައި ވުމާއި، އެމްޑީޕީގެ ޕްރިމަރީގައިވެސް ވާދަކުރައްވާނެކަން ހާމަ ކުރައްވާފައި ވުމުން، އެމަގަށް ފަހިވާނެ ހުރިހާ ކުޅިއެއް ދެބޭފުޅުންވެސް ކުޅުއްވާތަން އެންމެނަށްވެސް ފެނެއެވެ.
ރައީސް ސޯލިހުގެ ކުޅިބައި ރާއްޖޭން ލިބެން ހުރި "އޮއްޓަރެއް" ލައިގެން އަތުރުއްވަމުން ގެންދަވާއިރު ނަޝީދުގެ ކުޅިބައި ރާއްވަވަނީ ބޭރުގެ މަދަދުގާރުންގެ އެހީގައެވެ.
ރާއްޖޭގައި އެމާޒީވެސް އެބައޮތެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ އެމާޒީ ހަނދާން ނެތޭހާ ދުރެއްވެސް ނޫނެވެ. ނަޝީދަށް ބޮނޑިއެއް ލިބޭ ކޮންމެ ފަހަރަކު ނުވަތަ ސައި ވާ ކޮންމެ ފަހަރަކު މަދަދު ހޯއްދަވަނީ ކައިރިން އިންޑިއާއާއި ޔޫރަޕުންނެވެ. ބޭރުގެ އެކުވެރިން ގަބޫލުރާ ހަމަތަކާއި އުސޫލުތަކަށް ނަޝީދު އާނ ބަސް ދެއްވާތީ، އެވެރިން ނަޝީދާ ނުހަނު ގަޔާވާކަން މާޒީން އޮތީ ފެންނާށެވެ.
ނަޝީދު އިންޑިއާއަށް ވަޑައިގަންތާ ބަރާބަރު 1 ދުވަސް ފަހުން، ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝާހިދުވެސް އިންޑިއާއަށް ވަޑައިގަތެވެ. ޝާހިދު ވަޑައިގަތީ ރަސްމީ ދަތުރެއްގައި ކަމަށް ބުންޏަސް މިހާރު 2 ބޭފުޅުން ތިއްބެވީ އެކުވެރިޔާ، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖަޔާ ޝަންކަރު އަރިހުގައެވެ. ރާއްޖޭގެ މަޝްރަހާއި އެކުވެރި ލަންކާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވެފައި ނިންމަވާލެއްވި ނަމަވެސް، ފޮޓޯތަކުން ފެންނަ އުފާވެރިކަމާއި އެ ދަތުރުގައި ނަޝީދާއި ޝާހިދުގެ އަރިސް އާރުކާޓީ ބައިވެރިވުމާއި ނަޝީދަށް ޝާހިދު މާ ބޮޑަށް ކަމުދާ ކަމަށް ވިދާޅުވެ ދައްކަވާފައި ހުރި ވާހަކަތައް އެއްކޮށްލީމައި އެއް ރަނގައިން ޑިގު އަތުރާލަނީ ކަމަށް ޝައްކު ކުރާން ޖެހެއެވެ.
އިންޑިއާއަކީ އަބަދުވެސް، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރޭގައި ބަސް ބުނަން ބޭނުންވާ ގައުމެއް ކަމަށް ވާއިރު، 2012 ގެ ނަޝީދުގެ ވެރިކަމުގައި އިންޑިއާއަކީ އެކަން މާ ބޮޑަށްވެސް ކުރި ގައުމެކެވެ. ވެރިކަމެއް ފުރޮޅިގެން ދާ ކޮންމެ ފަހަރަކު އިންޑިއާއިން އަދާ ކުރާ ދައުރު ބޮޑުކޮށް ފެންނާން އޮތް މި ގައުމުގެ މިއަދުގެ ހަގީގަތަށް އެކަން ބުނެވެސް ދެއެވެ. ދަރަންޏަށް ވިޔަސް އިންޑިއާގެ ނުފޫޒާއި، އިންވެސްތްމަންޓުތަކުން ގައުމު އޮތީ ހިރި ނުލެވޭވަރު ކޮށްފައެވެ. އެހީގެ ނަމުގައި އިންޑިއާއިން ނުވަންނަ މުއައްސަސާއެއް މިހާރަކު ނެތެވެ. އިންވެސްޓް ނުކުރާ ވަކި ދާއިރާއެއް ނެތެވެ. ސަރަހައްދީ މަސްލަހަތާ އެއްވަރަށް ރާއްޖޭގައި އިންޑިއާގެ މަސްލަހަތު އޮތްލެއް ބޮޑުކަމުން އެކަން ހިމާޔަތް ކުރާން ކުރެވޭނެ ކޮންމެ ކަމަކަށް އިންޑިއާ ތައްޔާރުވާނެ ކަމީ ހަގީގަތެވެ.
މިއަދުގެ ސަރުކާރަކީވެސް އިންޑިއާ ފަސްޓް ޕޮލިސީ ސަރުކާރެއް ނަމަވެސް، ވެރިކަމުގެ ފަރާތަށް މަޖުބޫރުވާ ކަންކަމާ ހެދި، އިންޑިއާއަށް ވުރެ ބޭރަށް، ސީނުކަރައާ ހަމައަށް ދާން ސަރުކާރަށް މަޖުބޫރެވެ. ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި އިންޑިއާއިން ކޮށްދޭން ބުނާ ކަންކަމުގެ ސްޕީޑް ލަސްވެ ރައްޔިތުން ސަރުކާރުގެ ބޮލަށް އަރާ އިރު، ވެރިކަން ސަލާމަތް ކުރަން އެ ފިޔަވަޅު އަޅުއްވަން މިއަދު ސޯލިހަށް މަޖުބޫރެވެ.
ރަނގަ ހަމަ ކުރާން ނަޝީދު ގެންގުޅުއްވާ ބުއްދި
އެމްޑީޕީގެ އެތެރޭގެ ރޫހު ހުރި ގޮތުން، ރިޔާސީ ޕްރައިމަރީގައި ނަޝީދު ބަލިވެވަޑައިގަންނަވާނެ ކަން، އާންމު ދިވެހިންނަށް އެނގޭ ފަދައިން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ވެރިކަމުގައި ހުންނަ ފަރާތަކަށް އަބަދުވެސް އެޑްވާންޓޭޖް އޮންނާނެ ކަމާއި ވަޒީފާއާއި އެނޫންވެސް ފަހި ކިތަންމެ ފުރުސަތަކާއި ނުފޫޒެއް ބޭނުން ކޮށްގެން ވެރިކަމުގެ ބާރުން ބޭނުންވާ ގޮތަށް ކަންކަން އަނބުރާލެވޭނެކަން ނަޝީދަށް އެނގިވަޑައިގަންނަވައެވެ.
އެއީ މައިދާނަށް ނުކުމެވެޑައިގެން ގިނިކަންޏާ "ތަޅާ ބަލި ކުރެވޭނެ" ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމުގެ އެއް ހެއްކަކީ، 2 ރައީސުންގެ ދެމެދުގައި އޮތް ތަފާތު ހިމުން ކޮންލަން ތިންވަނަ ބައިވެރިއަކު ނެރުމެވެ. އެކަން ނަޝީދު ކުރައްވައިފިއެވެ. އެއީ އަބްދުﷲ ޝާހިދެވެ. އަދި އެއީ ނަޝީދުގެ ފޭވަރިޓް ކެންޑިޑޭޓްކަމުގައި އިއުލާންވެސް ވަނީ ކުރައްވާފައެވެ.
އދ. ގެ އެ މަގާމު ދޫކޮށްލައްވައި 2023 އަށް ވަޑައިނުގަންނަވާނެ ކަމަށް ޝާހިދު ވިދާޅުވެފައި އޮތް ނަމަވެސް، ޝާހިދަކީ އޮޕޯޗުނިސްޓެކެވެ. އެމްޑީޕީގެ ތެރޭގައި މިހާރު އޮތް ހެލުންގަނޑުގައި ޝާހިދަށް ނަޝީދު ތާއީދު ކުރައްވާތީ، އެއީ ވެދާނެ ކަމެއްކަމަށް ޝާހިދު މިހާރު ގަބޫލުރައްވަނީ ކަމުގައި ބެލެވެއެވެ. ސަރުކާރު ދިފާއު ކުރެއްވުމަށާއި ރައީސް ސޯލިހުގެ ފޮޓޯ ރަނގަޅު ކުރެއްވުމަށް ކުރިން ކުރައްވާ ޓްވީޓްތަކެއް މިހާރަކު ނުކުރައްވައެވެ. މާ ބަސް މަދުކޮށް މަޑުން ހުންނަވާ، ފޮޓޯ ކުރަހާލީ އިންޑިއާގައި ނަޝީދާއި ޝާހިދު ކޮނޑާ ކޮނޑު ޖައްސަވައެވެ. ފަހަތުގައި އިންޑިއާއެވެ.
2023 ގައި އެ ޑިގު ކިޔޭނެތަ؟
މިހާރު އޮތް ސިޔާސީ ހަގީގަތަކީ، ރައީސް ނަޝީދާ ބައިވެރިވާނެ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމެކެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އާއި އެމްއާއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައީސް ސޯލިހު ދެއްވާ "ކޭމުގެ ބޮޑުކަމުން" އެއިން ބޭފުޅަކު ނަޝީދުގެ ކޭމުން ފަރިއްކުޅުވާން ބޭނުންވާ ތަނެއް ނުފެނެއެވެ. ދަލުބޭރުން ހޭކޭ ކުދިކުދި ޕާޓީތައް ލައިގެން ވެސް ނަޝީދަށް ރަނގަ ހަމަކުރެވިދާނެ ކަމަކަށް ނުފެނެއެވެ. އެ މީހުން އެރިޔަސް އެރުން ގާތީ، އިދިކޮޅު ޕީޕީއެމް ކޯލިޝަނަށެވެ. ނަމަވެސް އެ ހަގީގަތް އޮތީ، އިދިކޮޅު ޕާޓީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި އޮތް ދައުވާތަކުގައި އެމަނިކުފާނު ޖަލަށް ލައި، އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރުމުންނެވެ.
އެނޫން ފޯމިއުލާއެއްގައި ރައީސް ޔާމީނާއެކު، ޝައިހު އިމްރާނެއްވެސް، އުސްތާޒް މައުމޫނެއްވެސް އަދި އޮނަރަބްލް ގާސިމް ވެސް ވަޑައެއް ނުގަންނަވާނެއެވެ. ރައީސް ޔާމީންގެ ނިމިދަޔަ ވެރިކަމުގައި އެ ލީޑަރުންނަށް ދެއްކި އަހުވައިގެ ރިހުން އަދިވެސް އެބޭފުޅުންގެ އަރިކަށީގައި ހުރިކަން، ދައްކަވާ ވާހަކަތަކުން އެނގެއެވެ.
މި ހަގީގަތާއެކު ދެން އުފައްދާން ވީ ސުވާލަކީ، އެއް ރަނގައިން ޑިގު ހަދައިގެން ރައީސް ނަޝީދަށް 2023 ލިބިދާނެތޯއެވެ.
ލިޔުން ފުރިހަމަ، އަދި ވަރަށް ފުރިހަމަވިސް ނިމުން ދިގުކޮއްލިނަމަ.