މައްސަލައަކާ ގުޅިގެން އެއާޕޯޓުން އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދެ ބިދޭސީންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފާ ކަމަށާއި އެ ދެމީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއް ކަމަށެވެ. އަދި މިއަދު އެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މީހުން ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފައިވަނީ އަދި ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަނުކުރި ނަމަވެސް އެ މައްސަލަ އިތުރަަށް ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި އުޅުނު އިންޑިއާ ބަޔަކަށް ޝައްކު ކުރެވި ފުލުހުން ބަލާ ފާސްކުރިއިރު ސިއްރު ކެމެރާ ހުރެގެން ފުލުހުންގެ އިދާރާއަށް ގެންދިޔަ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އަދަދު އިތުރުވެފައި ވާއިރު ކަސްޓަމްސްއިން އަންނަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގަންނަމުންނެވެ.