ރާއްޖޭގައި ދިމާވެފައިވާ ދަރިމައިނުވުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އާސަންދަ އިން އެ ބައްޔަށް ފަރުވާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވީ، އާސަންދަ އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރުމުގެ ފުރުސަތުތައް ހަނިވެފައިވާ ކަމަށެވެ.

ގަރާރުގައި މީކާއީލް ފާޙަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ދަރިމައިނުވުމުގެ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭސް ހޯދުމަށް ދަތިވުން
  • އެ ބައްޔަށް ބޭނުންވާ އަސާސީ ބައެއް ބޭސް އާސަންދައިގެ ދަށުން ނުލިބުން
  • އެ ބައްޔަށް ހާއްސަ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ދަތިވުން
  • އެ ބައްޔާ ގުޅޭ އެއްވެސް ފެންވަރުގެ ދިރާސާ އެއް ހެދިފައި ނެތުން

އެހެންކަމުން ދަރިމައިނުވުމުގެ ބައްޔަށް ހައްލެއް ގެނައުމަށް މީކާއީލް ވަނީ ކަންތައްތަކެއް ހުށަހަޅުއްވާފައެވެ. ގަރާރުގައި އޭނާ ވަނީ، އެ ބައްޔާ ގުޅޭ ރަނގަޅު ދިރާސާ އެއް ހެދުމާއި، އެ ބައްޔަށް ބޭނުންކުރާ އަސާސީ ބައެއް ބޭސް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ފަދަ ކުދި ފިޔަވަޅުތައް އެޅުމަށް ހުށަހަޅުއްވާފައެވެ.

އަދި އެ މައްސަލަ އަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެ ހިދުމަތްތައް ދެނެގަނެ، ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ވެސް ގަރާރުގައި ގޮވާލައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ބަހުސްކުރެއްވި މެންބަރުން ވަނީ މީކާއީލްގެ ގަރާރަށް ތާއީދު ކުރައްވާފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ފާހަގަކުރެއްވި ގޮތުގައި، ދަރިމައިނުވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ އާއިލާތަކުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު، ޕޮއިންޓް މަދުވުމުގެ ސަބަބުން އެ ފަރާތްތަށް ބޯހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެގެން ދެއެވެ.

"މިސާލަކަށް ހާއްސަ ގޮތެއްގައި ފްލެޓަށް އެދި ހުށަހަޅާއިރު، ޕޮއިންޓް އިތުރުވާ ސަބަބެއް ކަމަށް މި އޮންނަނީ ދަރިން ގިނަވުން، ނުވަތަ ދަރިއަކު ހުރުން. އެހެންވީމާ ދަރިން މިގޮތަށް ނުލިބުމުގެ ސަބަބުން އެ ޕޮއިންޓް ނުލިބި އެ ހައްގެއް ނުލިބޭ." އިމްތިޔާޒް ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ދަރިމައިނުވުމުގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ސަރުކާރުން އިސްކަންދީ، އެ ބައްޔަށް ފަރުވާކުރުމަށް ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް މީހުން އާސަންދައިގެ ދަށުން ފޮނުވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭން ދެވޭ ހިދުމަތްތައް ފުޅާކުރުމަކީ ނުވަތަ ފުޅާކުރުމަށްޓަކައި ނެޝަނަލް ޕްރައޯރިޓީ އަކަށް މިކަން ހަދައި، ގައުމީ ހޮސްޕިޓަލް އައިޖީއެމްއެޗް މެދުވެރިކޮށް ސިއްހީ ބައެއް މައްސަލަތަކަށް މިހާރު ވެސް އިންތިޒާމް ކޮށްފައިވާ ފަދައިން މި ފަރުވާ ފޯރުކޮށްދޭވޭނޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދެވޭނެ އިންތިޒާމް، ނެޝަނަލް އިންޝުއަރެންސް ސްކީމްގެ ތެރެއިން ހަމަޖައްސައިދިނުމަށް ދިރާސާކުރަން ފެށުން އަދި އެކަމަށް މަގުފަހިވާނެ ގޮތަށް މަސައްކަތުގެ ނިޒާމްގެ ތެރެއިން އެއީ މިހާރު ވެސް ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން."
ޖީހާން މަހްމޫދު | ހިންނަވަރު ދާއިރާގެ މެންބަރު

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، ދަރިމައިނުވުމުގެ މައްސަލައަކީ މިއަދު ރާއްޖޭގެ ގިނަ ބަޔަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކަށް މަސައްކަތުގެ މާހައުލުންނާއި ގާނޫނީ އިމުގެ ތެރެއިން ފޯރުކޮށްދެވޭނެ އެހީ އާއި ދެވޭނެ ފަރުވާ ބަލާލުން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި، ރާއްޖޭގެ ބައެއް މާހައުލުގައި ބައެއް ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް މި މައްސަލަ ދިމާވާލެއް ބޮޑުކަން. ހާއްސަ ގޮތެއްގައި ވަކިކަހަލަ ޓްރާންސްމިޝަންތަކެއްގެ ތެރޭގައި މަސައްކަތްކުރާ ރޭޑިއޭޝަންގެ އަސަރު ހިނގަމުންދާ ފަރާތްތަކަށް މީގެ ގޮންޖެހުންތައް ބޮޑުވާ މިންވަރު އިތުރުވޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދޭނީ ފަންނީ ދިރާސާ އެއް ކޮށްގެން ކަމާއި، މަސައްކަތުގެ މާހައުލުން ލިބެން ޖެހޭ އެހީތެރިކަމާ އެކުގައި ކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މައިގަނޑު ގޮތެއްގައި މި ގަރާރަށް ބަހުސްކުރެއްވި މެންބަރުން ވަނީ ދަރިމައިނުވުމުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް އަސާސީ ބޭސް ދިނުން މުހިންމު ކަމާއި، މި ދަރިމައިނުވުމުގެ މައްސަލަ އޮތް މިންވަރު ދެނެގަތުމަށްޓަކައި ގައުމީ ފެންވަރުގައި ދިރާސާ އެއް ހެދުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.