ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ކުރުމަށާއި ޖީއެސްޓީ އަދި ޓީޖީއެސް ބޮޑު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.

ޓޫރިޒަމް ގާނޫނުގެ 11 ވަނަ މާއްދާއަށް މަޖިލީހުން އިސްލާހު ގެނެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލު ތަސްދީގު ކުރެއްވިއިރު ގްރީން ޓެކްސް ނަގާ ތާރީހު ލިޔުމުގައި އެރި އޮޅުމަކުން އެ ޓެކްސް ނެގުން ހުއްޓިފައިވާތީއެވެ.

ގްރީން ޓެކްސް ނަގަނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގައެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތަށްބަލާ ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާނެކަން މީގެކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަނީ ހަ ޕަސެންޓެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓް ނަގަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށެވެ.