އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހަކީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމަށް މަޖިލީހަށް ހުށަހަޅާ ބިލުގައި ހިމެނޭ އިސްލާހެކެވެ. އެޓާނީ ޖެނެރަލް އޮފީހުން ބުނީ، ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހު ކުރުމަށާއި އެނޫން ވެސް ބައެއް މުހިއްމު އިސްލާހުތައް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް އެކުލަވާލައި އެ ބިލު ރައްޔިތުންގެ މަޖިލީނަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ފޮނުވާފައި ކަމަށެވެ.
އެ ބިލުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާ އިސްލާހުގެ ތެރޭގައި ފަނޑިޔާރުން އަމިއްލައަށް އެދިގެން މަގާމުން ވަކިވެވޭނެ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅުމާއި، ފަނޑިޔާރު ކަމުގެ މަސައްކަތުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނު ހުއްދަކުރާ އެހެން މަސައްކަތްތަކަށް އުޖޫރަ ބަލައިގަތުމަކީ ގާނޫނުގައި ކަންޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަ ކަމެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.
ހަމައެއާއެކު ފަނޑީޔާރުންގެ ތެރޭގައި ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަސް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށޫން ދޫކުރާ ބިމާއި ފްލެޓް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމްތައް ހަމަޖައްސަން ވާނެ ކަމުގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިމަނާފައެވެ. އަދި ފަނޑީޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިން އެލަވަންސް ފަނޑިޔާރުންނަށް ލިބޭ އުސޫލު އިސްލާހުކޮށް، އެ ލިވިން އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 ޕަސެންޓަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެލުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ބޭނުންވާ ފެންވަރާއި ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކުރަން ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތައެހެން ކޯޓެްގެ ލީގަލް އެސިސްޓަންޓް ކމަުގެ މަގާމުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ހަމަ ޖެއްސުން ހިމެނެއެވެ.