އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެނިގެންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.
މާދަމާ ހަވީރު 4 ޖަހާއިރު ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވީ ނަމަވެސް އެ އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ.
އަލަމްގިރި ހައްޔަރުކުރީ މާފަންނު ގެސްޓްހައުސްއެއްގައި ހުއްޓާ ޖުލައި 12 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 22 ދުވަހު އަލަމްގިރިގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް ކޮށްފައެވެ.
އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެެއް ދައުރުވެފައި ވާއިރު އޭގެތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއްވެސް ވަނީ ދައުރުވެފައެވެ.
އެ މައްސަލާގައި އެ ތިން މީހުންވެސް ހައްޔަރުކުރި ނަމަވެސް އަލަމްގިރި ނޫން ދެން ތިބި ތިން މީހުން ދޫކޮށްލާފައި ވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވުމުންނެވެ. އެހެންނަމަވެސް މި މަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި ރާއްޖެޓީވީގައި ކުރި މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އިބްރާހިމް ކަމަށް ތުހުމަތުކުރާ މީހެއްގެ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ލީކްވެފައެވެ.