ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާހެއްހާ މީހުން މަރުވެ 30 މިލިއަން މީހުން ހާލުގައި ޖެހިއްޖެ ކަމަށް އެގައުމުން ހަބަރު ލިބިއްޖެއެވެ.

މެދުނުކެނޑި ވާރޭ ވެހޭތާ އެތައް ދުވަހެއް ވެފައި ވާއިރު، ފެންބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ޕާކިސްތާނުގެ ހުޅަނގު ދެނުކު ބިތުގައި އޮންނަ ބަލޫޗިސްތާނަށެވެ. މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ އެސަރަހައްދަށް ނިސްބަތްވާ މީހުން ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ.

ހާލުގައި ޖެހި 30 މިލިއަން މީހުންގެ ބޯހިޔާވަހިކަމަށް އަސަރު ފޯރާފައި ވާ އިރު، އެގައުމުން ވަނީ ބައިނަލްއަގްވާމީ އެހީއަށް ގޮވާލާފައެވެ.

މިއީ ޕާކިސްތާނަށް 2010ގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަށް ވުރެ ގެއްލުން ބޮޑު ކާރިސާއެއް ކަމުން މިހާރު ވަނީ ކުއްލި ހާލަތުވެސް އިއުލާން ކޮށްފައެވެ.

އެގައުމުގެ އިދާރާތަކުން މިހާތަނަށް އާންމު ކުރި އަދަދުތައް ދައްކާ ގޮތުން މަރުވި 937 މީހުންގެ ތެރެއިން 343 އަކީ ކުޑަކުދިންނެވެ. ޖުމްލަ 1343 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައި ވާ އިރު 3100 ކިލޯމީޓަރުގެ މަގު ހަލާކުވެ، 145 ބްރިޖް ވެސް ވަނީ ހަލާކުވެފައެވެ. އަދި 581،207 ގެއެއް އެއްކޮށް ހަލާކުވެފައި ވާއިރު، ނައަމްސޫފީގެ ތެރެއިން 793،995 އެތި ވަނީ މަރުވެފައި ކަމަށް އެ އޮތޯރިތީން ބުނެއެވެ.

"ބަލަބަލާ ހުއްޓާ ފެންގަނޑު ބޮޑުވެގެން އަންނަނީ، އަހަރެމެން އުސް ހިސާބުތަކުގައި ތިއްބާވެސް އަރާ ހަމަކޮށްފި، މިއީ 2010ގެ ފެންބޮޑުވުމުގެ ހާދިސާއަށް ވުރެވެސް ގެއްލުންބޮޑު ހާދިސާއެއް"

ޕާކިސްތާނަށް ދިމާވެފައިވާ މި ކާރިސާއާ ސަބަބުން، އެ ގައުމުގެ ބޮޑުވަޒީރު ވަނީ އޭނާ އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުވެސް ކެންސަލް ކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކާއި ކައިރި ގައުމުތުން އެހީވުމަށް އޭނާ ވަނީ ގޮވާލައްވާއެވެ.